ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) އަކީ ދިވެހިންގެ ބުރަ މަސައްކަތެއް ކަމަށާއި އެއީ ދިވެހިން ފަހުރުވެރިވާ ހަރުމުދަލެއް ކަމަށް ނައިބުު ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.
އެ އެއާޕޯޓްގެ އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށުމާއި އާ ސީ ޕްލޭން ޓާމިނަލް ހުޅުވަން މިއަދު ހެނދުނު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ، ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއާޕޯޓެއް ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދގެ މައި ދޮރޯއްޓަކީ ވެސް އެ އެއާޕޯޓަށްވާ އިރު، މިއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމަށް ވެސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރެވެމުން އަންނަނީ އެއާޕޯޓުގެ މާސްޓަ ޕްލޭނާއި އެއްގޮތަށް ކަމަށެވެ. އެގޮތުން، ރަންވޭ އެޅުމުގެ މަސައްކަތާއި، ފިއުލްފާމް ގާއިމްކުރުމާއި، ސީ ޕްލޭން ޓާމިނަލްގެ އިތުރުން ޕެސެންޖަ ޓާމިނަލްތައް އެޅުމުގެ މަސައްކަތްތައް ކުރިޔައަށް ދިޔަ ގޮތުގެ މައްޗަށް އަލި އަޅުއްވާލެެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ވެލާނާ އެއާޕޯޓުގައި ކުރެވުނު އެމަސައްކަތަކީ ހިނގަހިނގާ އޮތް އެއާޕޯޓެއްގެ ތެރޭގައި އާ އެއާޕޯޓެއް އެޅުން ފަދަ މަސައްކަތެއް ކަމަށެވެ. އަދި އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުން ދިޔައިރު އެއަާޕޯޓުގެ ޚިދުމަތްތައް މެދު ނުކެނޑި ކުރިޔަށް ގެންދެވުނުކަން، ފާހަގަކުރެއްވި އެވެ.
ފައިސަލް ވިދާޅުވީ ވިދާޅުވީ، ރާއްޖޭން ބޭރުން އަންނަ އިންޓަނޭޝަނަލް ފްލައިޓްތައް ވެލާނާ އެއާޕޯޓުގައި ޖެއްސުމާ އެކު، ދެން އެންމެ އަވަހަށް ކުރެވޭ ކަމަކީ، ޓޫރިސްޓުން އެ މީހުންގެ މަންޒިލަށް ގެންދިޔުމުގެ މަސައްކަތެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 600 ސީ ޕްލޭން މޫވްމެންޓް ހިނގާކަން ފާހަގަކުރެއްވި އެވެ. އަދި އަލަށް ހުޅުވިނު، ސީޕްލޭން ޓާމިނަލާއި އެކީ ޓޫރިސްޓިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދަތުރުތައް އަވަސްވެގެންދާނެ ކަކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެއާޕޯޓުގެ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ އިރު، އެ ދާއިރާތަކުން މީހުން ތަމްރީން ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރުގެ ކަންކަން ތަރައްގީ ކުރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.