ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި ހާލަތަށް ފަހު ވެސް ހޮންކޮންގަށް ދަތުރުކުރާ އެއާލައިންތައް މަދުވުމާއި އެ ގައުމަށް ދާ ޓޫރިސްޓުންގެ އަދަދު ވެސް ވަރަށް ބޮޑަށް ދަށްވެފައިވާތީ ޓޫރިސްޓުންގެ ޝައުގުވެރިކަން ހޯދުމުގެ ގޮތުން 500،000 ޓިކެޓް ހިލޭ ދޭން ނިންމައިފި އެވެ.
މިކަމާ ގުޅިގެން މާކެޓް ރިސާޗް ފާމެއް ކަމަށްވާ ޔޫރޯމޮނީޓާ އިންޓަނޭޝަނަލް އިން ބުނި ގޮތުގައި ބޭރު ގައުމުތަކުގެ މީހުންނަށް ހޮންކޮންގަށް ދަތުރުކުރަން ހިލޭ ޓިކެޓް ދިނުމަކީ ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރުވެދާނެ ކަމެއް ކަމަށެވެ. އެތަނުގެ ސީނިއާ އެނަލިސްޓް ޕްރޫޑެންސް ލާއީ ވިދާޅުވި ގޮތުގައި ކޮވިޑާ ދިމާކޮށް ހޮންކޮންގުން އެޅި ގިނަ ފިޔަވަޅުތަކަށް ވެސް މިހާރު ވަރަށް ބޮޑު ލުއިތަކެއް ދީފައިވާތީ ހިލޭ ޓިކެޓާ އެކީ އެ ގައުމަށް ދާން ޓޫރިސްޓުންގެ މެދުގައި ޝައުގުވެރިކަން އުފެދުމުގެ ފުރުސަތު ބޮޑެވެ.
"އެކަމަކު ހޮންކޮންގަކީ ވަރަށް ބޮޑަށް ޗައިނާގެ ޓޫރިސްޓުންނަށް ވެސް ބަރޯސާވާ ތަނަކަށްވާތީ އެ ގައުމުން އަންނަ ޓޫރިސްޓުންނަކީ ވަރަށް މުހިއްމު ބަޔަކަށް ވާނެ." އޭނާ ވިދާޅުވި އެވެ. "ހޮންކޮންގަށް ދަތުރުކުރާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ޗައިނާ އަށް ނިސްބަތްވާ މީހުން."
ޓޫރިސްޓުންނަށް ހިލޭ ޓިކެޓް ދޭން ހޮންކޮންގުން ނިންމި ނަމަވެސް މިކަމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އެ ގައުމުން ހިލޭ ދޭން ނިންމި 500،000 ޓިކެޓަކީ އަގުގެ ގޮތުން ބަލައިފި ނަމަ 254.8 މިލިއަން ޑޮލަރުގެ ޓިކެޓެވެ.

ޓޫރިސްޓުން ހޮންކޮންގަށް ދާން ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން މިދިޔަ މަހު ވަނީ އެތަނަށް އެތެރެވުމުގެ ކުރިން ހަދަން ޖެހޭ ކޮވިޑް ނެގަޓިވް ޓެސްޓާއި ހޮޓެލްގައި ކަރަންޓީނުވުން ވެސް އުވާލައިފަ އެވެ.
ހޮންގޮންގަށް އެންމެ ފަހުން ދަތުރުކުރުން ހުއްޓާލި އެއާލައިނަކީ މިދިޔަ ބުދަ ދުވަހު ދަތުރުތައް މެދުކަނޑާލި އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކެވެ.
މި އަހަރުގެ ފުރަތަމަ އަށް މަހުގެ ތެރޭގައި ހޮންކޮންގަށް ޒިޔާރަތްކޮށްފައި ވަނީ އެންމެ 184،000 ޓޫރިސްޓުންނެވެ. ކޮވިޑްގެ ކުރިން 2019 ގައި އެ ގައުމަށް 56 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.