Last Updated: June 15, 10:26
Monday, June 15, 2026
ޚަބަރު

ހިތަދޫ ޕޯޓްގެ ތަރައްގީ އަންނަ މަހު ފަށަނީ

ދެކުނުގެ ސަރަހައްދީ ބަނދަރު ނުވަތަ ހިތަދޫ ޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން ބޭއްވި ނޫސް ކޮންފަރެންސްގައި ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްގެ ދަށުން ހިންގާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ބަލަހައްޓަމުން އަންނަ ޕޯޓް ތަރައްގީކިރުމުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށުމުގެ އުންމީދު ބޮޑު ކަމަށެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެއީ އެޕްރީލް 2، 2021 ގަ އެވެ. މަސައްކަތް ފަށާނާ 525 ދުވަހުގެ ނިންމާ ގޮތަށް ރޭވިފައިވާ މަޝްރޫ އަށް 211.771 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ޝާހިދު ވިދާޅުވީ ހިތަދޫ ޕޯޓް އިތުރަށް ތަރައްގީކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެސުމުގެ ކުރިން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ބާރަށް ކުރިއަށްދާ އިރު، މަޝްރޫޢުގެ މައިގަނޑު ހުރިހާ ތައްޔާރީތަކެއް ހުރީ ނިމިފައި ކަމަށެވެ.

"ޕޯޓްގެ ރީޑިވެލޮމެންޓް މާސްޓަރ ޕްލޭން އެއްކޮށް ނިމި، ޑިޒައިން ހެދި، ކޯސްޓިން ހެދި، އީއައިއޭވެސް މިހާރު މި ވަނީ ހެދިފަ. ހުރިހާ މަސައްކަތެއް ކުރީ އެމްޓީސީސީއާ ހަވާލުކޮށްފައި،" އޭނާ ވިދާޅުވި އެވެ. "މިހާރު އީއައިއޭ ވެސްށް އޮތީ އެޕްރޫވްވެފައި."

ހިތަދޫ ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން 500،972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި އެވެ.