Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އެމްޕީއެލް ތެލުގެ ހިޔާނާތް: 28.3 މިލިއަން ރުފިޔާ ގެއްލުނު

އެމްޕީއެލްގެ ހެޑް އޮފީސް- ފޮޓޯ: މިހާރު

މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ބޭނުމަށް އެފްއެސްއެމްއިން ވިއްކި ޑީސަލްގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް 28،316،141 ރުފިޔާގެ ޑީސަލް، ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ "އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް 2018 – 2020" ގައި ބުނެފައިވަނީ، 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް 28،316،141 ރުފިޔާގެ ޑީސަލް، ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރިކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 9،617،691 ރުފިޔާގެ ޑީސަލްއާއި ޓަގު ބޯޓުތައް އޮޕަރޭޓް ކުރުމަށް ދޫކުރިކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 18،570،834 ރުފިޔާގެ ޑީސަލް އާއި އާރްޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރިކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 127،616 ރުފިޔާގެ ޑީސަލެވެ.

އެޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގަނެފައިވާ ޑީސަލްގެ ތެރެެއިން ގެއްލިފައިވާ ޑީސަލްގެ ތެރޭގައި، އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އެޅުމަށް ހުޅުމާލޭ ޖެޓީ ސަރަހައްދަށް އެފްްއެސްއެމްގެ ބައުޒަރުތަކުން ސަޕްލައިކޮށްފައިވާ 7،247،081 ރުފިޔާގެ ޑީސަލް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް އެމްޕީއެލްގެ ޓަގު ބޯޓުތަކަށް ހުޅުމާލޭ ޖެޓީ ސަރަހައްދުން ތެޔޮ ނާޅާކަމަށް ޓަގު ބޯޓުތަކުގެ ކެޕްޓަނުން މައުލޫމާތު ދީފައިވާކަމަށާއި އަދި ޓަގު ބޯޓެއް އޮޕަރޭޝަންގައި ބޭނުންކޮށްފައިނުވާ މުއްދަތުގައިވެެސް އެ ޓަގު ބޯޓަށް ހުޅުމާލެ ޖެޓި ސަރަހައްދުން ތެޔޮ ދޫކޮށްފައިވާ ކަމަށް އެފްއެސްއެމްގެ ޑެލިވަރީ ނޯޓަތަކުގައި ރެކޯޑް ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެމްޕީއެލްގެ އެކިއެކި ޔުނިޓްތަކަށް ބޭނުންވާ ޑީސަލް ހޯދުމަށް އެމްޕީއެލްގެ އެ ޔުނިޓަކުން ޕްރޮކިއުމަންޓް ސްޓޯރަށް ފޮނުވާ ރިކްއެސްޓް ފޯމުތަކުން ކޮޕީ ފޯމުތަކެއް ހަދައި ސޮއި ފޯޖު ކޮށް އަދި ތާރީހް ބަދަލުކޮށްފައިވާ 13.42 މިލިއަން ރުފިޔާގެ ތެޔޮ ހިމެނޭ ފޯޖްކޮށްފައިވާ ފޯމުތަކާއި އެމްޕީއެލްގެ އެކިއެކި ޔުނިޓްތަކުން ތެޔޮ ހޯދުމަށް އެޑްވާންސްކޮށް ފޮނުވާ ފޯމުތަކުގެ ތެރެއިން ބައެއް މި ހިޔާނާތް ހިންގުމަށް ބޭނުންކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޮޓިޑް ރިޕޯޓްގައި ވަނި މި ހިޔާނާތް ހިންގުމުގައި އެމްޕީއެލްއާއި އެފްއެސްއެމްގެ މުވައްޒަފުންގެ ތެރެއިން ބައިވެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި މިމައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލަފާދީފައެވެ. އަދި ގެއްލުމުގެ ބަދަލު މި ހިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތަކުން ހޯދިމަށްވެސް ލަފާދީފައިވެއެވެ. މީގެއިތުރުން ސޮއި ފޯޖުކޮށް ސައްހަ ނޫން ރިކްއެސްޓް ފަޯމުތައް ހެދުމުގައި ޒިންމާވާ ފަރާތްތައް ހޯދައި ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅުމަށްވެސް ލަފާ ދީފައިވެއެވެ.