ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ބަޔާ ހަވާލުކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު ހަވާޅު ކޮށްފައިވަނީ ސިއެރާ ސްޓަރ ޖޮއިންޓް ވެންޗަރއަށެވެ.
މި މަޝްރޫއަކީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޖުމުލަ 253،990،863 ރުފިޔާ ހަރަދު ކުރާ މި މަޝްރޫއަކީ540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގައި 200 ހައުސިން ޔުނިޓް ހިމެނޭއިރު، ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެއެވެ. ޔުނިޓެއްގައި ހިމެނޭނީ ތިން ކޮޓަރި، ތިން ފާހާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެވެ.
މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭގަ މާހައުލެއް ގާއިމުކރުުމަށް ޔުނިޓްތައް ވަށައިގެން އަލިކުރެވިގެންދާނެ ކަމަށާއި، އަދި ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ގާއިމު ކުރެވޭނެއެވެ.