އައްޑޫ ސިޓީ ހިތަދޫ ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހާފައިވާތީ އެކަން ހައްލުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އިއްޔެ އެވެ.
ހިތަދޫގެ ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންތަކުގައި ދަބަރު ޖަހައިގެން ހަލާކުވެ، ހަޑިވެފައިވާތީ އެކަން ހައްލުކޮށް ނުދީގެން ފްލެޓްތަކުގައި އުޅޭ ބައެއް މީހުން ދާދި ފަހުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ. ފްލެޓްތަކުގެ މަހު ކުލީގެ އިތުރަށް ފްލެޓްވެރިންގެ އަތުން މެއިންޓަނެންސް އަށް 550ރ. ނަގަ އެވެ.
ހިތަދޫގައި 264 ފްލެޓް އަޅާފައިވާ އިރު، މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ފްލެޓްތަކެކެވެ.
ހިތަދޫ ފްލެޓްތަކުގެ ރެއިލިންތަކުގައި ދަބަރު ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތަށް ދިމާވަނީ ފްލެޓްތައް ހުރީ މޫދާ ވެސް ފުދޭ ވަރެއްގެ ކައިރީ ހިސާބަކަށްވުމުން ލޮނުގެ އަސަރުކުރާތީ އެވެ.