މި ފަހަކަށް އައިސް އެޑިޑާސްގެ އުފެއްދުންތަކާއި އެތަނުގެ ވެރިންނަށް އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް ފާޑުކިޔަމުންދާތީ އޭނައާ އެކީ ހަދާފައިވާ ޕާޓްނާޝިޕް އެއްބަސްވުން ރިވިއުކުރަން އެޑިޑާސް އިން ނިންމައިފި އެވެ.
މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝިއަންގެ ކުރީގެ ފިރިމިހާ އާއި ޖަރުމަންގެ ކުންފުނި އެޑިޑާސް ޕާޓްނާޝިޕެއްގެ ދަށުން މަސައްކަތްކުރަމުން އަންނަނީ 2013 އިން ފެށިގެންނެވެ. އެގޮތުން އެޑިޑާސް އާއި ކަންޔޭގެ ބްރޭންޑް ޔީޒީ ގުޅިގެން އެކި އުފެއްދުންތައް މިހާތަނަށް ނެރެމުން އައިސްފައިވެ އެވެ. އެޑިޑާސް އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސްޕޯޓްސް ވެއާ ބްރޭންޑެވެ.
ނަމަވެސް ފަހަކަށް އައިސް ކަންޔޭ އާއި އެޑިޑާސްއާ ދެމެދު ހިޔާލު ތަފާތުވެ، ކަންޔޭގެ ފަރާތުން ކުންފުންޏާއި އެތަނުގެ ބޯޑަށް ފާޑުކިޔުންތައް އަމާޒުވާތީ އެޑިޑާސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދެ ފަރާތުގެ މެދުގައި ހަދާފައި އޮތް އެއްބަސްވުން ރިވިއުކުރަން މިހާރު ނިންމާފައި ކަމަށެވެ.
"އެގޮތަށް ނިންމަން ޖެހުނީ ދެ ފަރާތުގެ މެދުގައި ޕްރައިވެޓްކޮށް އިޝޫތައް ހައްލުކުރަން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގައި އަލިމަގެއް ނުފެނުނީމަ،" އެޑިޑާސް އިން ބުންޏެވެ. "އެކަމަކު އެޑިޑާސް އާއި ޔީޒީ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކީ އެތުލީޓުންނާއި އާޓިސްޓުންނަށް ހާއްސަކޮށްގެން ކުރެވުނު އެންމެ ކާމިޔާބު އެއް މަސައްކަތް."
އެތަނުން ބުނީ ކަންޔޭއާ އެކު ހަދާފައި އޮތް ޕާޓްނަޝިޕް އެއްބަސްވުން ރިވިއުކުރަން ނިންމި ނަމަވެސް ރިވިއުމުގެ މުއްދަތުގެ ތެރޭގައި މިހާރު މާކެޓްގައި ހުރި އުފެއްދުންތައް ކޯ-މެނޭޖްކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ހަދާފައިވާ ނަމަ އެއާ އެއްގޮތަށް އަމަލުކޮށް، އިހުތިރާމު ވެސް ކުރަން ޖެހޭނެ ކަމަށް." އެޑިޑާސް އިން ބުންޏެވެ.
މިއުޒިކްގެ އިތުރުން ތަފާތު އެކި ވިޔަފާރިތަކާ އެކީ ބިލިއަނަރެއް ދަރަޖަ ވެސް ހޯދާފައިވާ ކަންޔޭ ތުހުމަތުކުރާ ގޮތުގައި އެޑިޑާސް އިން މިހާރު އަންނަނީ އޭނަގެ ހިޔާލުތައް ކުންފުނީގެ އަމިއްލަ ފައިދާ އަށް ބޭނުންކުރަމުންނެވެ.