Last Updated: June 15, 10:31
Monday, June 15, 2026
ޚަބަރު

ވޯލްޑް ކަޕް ދިވެހި ދެ ޗެނަލަކުން

އަންނަ މަހު ފަށާ މި އަހަރުގެ ވޯލްޑް ކަޕްގެ މެޗްތައް މީޑިއާ ނެޓް މެދުވެރިކޮށް ދިވެހި ޗެނަލުން ގެނެސްދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެގޮތުން ރާއްޖެ ޓީވީ އާއި އައިސް ޕްލަސް އިން ވޯލްޑް ކަޕްގެ މެޗްތައް ލައިވްކުރާނެ އެވެ. އެ ދެ ޗެނެލާ އެކީ މިކަމުގެ އެއްބަސްވުމުގައި މީޑިއާ ނެޓުން ވަނީ ސޮއި ވެސް ކޮށްފަ އެވެ.

މިއީ ރާއްޖެ ސަރަހައްދަށް ދިވެހި ޗެނަލްތަކަކުން ވޯލްޑް ކަޕް ދެއްކުމުގެ ހުއްދަ ލިބުނު ފުރަތަމަ ފަހަރެވެ. ރާއްޖެ ޓީވީ އާއި އައިސް ޕްލަސްއާ އެކީ މުބާރާތުގެ މެޗްތައް ގެނެސްދޭން ސޮއިކޮށް މީޑިއާ ނެޓުން މިހާރު ވަނީ ސްޕޮންސަރުންނަށް ވެސް ފުރުސަތު ހުޅުވާލައިފަ އެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ގަ އެވެ. މުބާރާތް ކުރިއަށް ދާނީ ޑިސެމްބަރު 18 އާ ހަމައަށެވެ.

ވޯލްޑް ކަޕްގެ މެޗްތައް ބެލުމަކީ އަބަދު ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަރަށް ފޯރިގަދަ ކަމެކެވެ. އެގޮތުން ގިނަ ބަޔަކު އެއްތަންވެގެން މެޗްތައް ބެލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީނުން ބަހައްޓައިގެން މެޗްތައް ބެލުމުގެ ފޯރި ވަދރަށް ގަދަ އެވެ. މި ފަހަރު ވެސް އެފަދަ އިންތިޒާމުތަކެއް އެކި ރަށްރަށުގައި އަންނަނީ ހަމަޖައްސަމުންނެވެ.