ސްރީ ލަންކާ އަށް މިހާރު ދިމާވެފައި އޮތް މާލީ އަދި އިގުތިސާދީ ދަތިކަމާ ގުޅިގެން އެ ގައުމަށް މިހާތަނަށް އެންމެ ބޮޑަށް އެހީވެފައި އަދި އެހީވަމުން އަންނަ އިންޑިއާ އަށް، ރައީސް ރަނިލް ވިކްރަމަސިންހަ ރަސްމީ ދަތުރެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަން ރަނިލް ހާމަކުރެއްވީ އިއްޔެ ގާނޫނު ހަދާ މަޖިލީހުގަ އެވެ. އޭނާ ވިދާޅުވީ އިންޑިއާ އަށް ކުރައްވާ ދަތުރަކީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވަން ކުރައްވާ ދަތުރެއް ކަމަށެވެ. ނަމަވެސް ނިއު ދިއްލީ އަށް ދަތުރު ކުރައްވަން ހަމަޖެހިފައިވާ ތާރީހެއް ރަނިލް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު ޖަޕާނަށް ކުރެއްވި ދަތުރުގައި ވެސް މޯދީއާ ބައްދަލުވެވަޑައިގަތް ކަމަށާއި ލަންކާ މި ވަގުތު އޮތީ އިންޑިއާއާ އެކީ މުހިއްމު މަޝްވަރާތަކެއް ކުރަން ވަރަށް ބޭނުން ހާލަތެއްގައި ކަމަށެވެ.
ރަނިލް ލަންކާގެ ރައީސްކަމަށް އިންތިހާބުކުރީ މި އަހަރުގެ ޖުލައި 20 ގަ އެވެ.