ފާފައަކަށް އަރައިގަންނަ މީހާ ފަޟީހަތް ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ތިމާގެ އަހާ ފަޟީހަތް ކުރުމުން ދުރުހެލިވުމުގެ މައްޗަށެވެ.
ހުތުބާގައި ބުނީ މާތްﷲގެ އަޅުތަކުން ފަޟީހަތްނުކޮށް، އެމީހުންގެ ނުބައި އަމަލުތައް ވަންހަނާކޮށްދޭ މީހަކީ، މާތްﷲ ދެކެ ބިރުގަންނަ، އާހިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހެއް ކަމަށެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރުތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި މުސްލިމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށާއި އެގޮތުން އަތުގައި އޮންނަ ފޯނު މޯބައިލް ފޯނުގެ ޒަރިއްޔާ އިން މީހުންނަށް ނޭނގޭ ގޮތަށް ތަންތަނާއި މަންޒަރުތަކާއި އަޑުތައް ރެކޯޑްކޮށް އެ ސިއްރުތައް އާންމުކޮށްލާ އިރު އެފަދަ ކަންކަން ކުރާ ކޮންމެ މީހަކު ވެސް ދީނުގައި އައިސްފައިވާ ވަޢީދުތަކާ މެދު ވިސްނާލަންޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނީ ފާފައަކަށް އަރައިގަނެވޭ މީހާ ފަޟީހަތް ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށާއި ފާފަތައް ފޮރުވައި ވަންހަނާ ކުރަންޖެހެނީ އޭގެ ސަބަބުން މީސްތަކުންގެ ސިއްރުތައް ހާމަވެ ފަޟީހަތްވެގެންދާނެތީ ކަމަށެވެ. އަދި އިހުލާސްތެރިކަމާއެކު ތައުބާވުމުން އެކަންކަން މާތްﷲގެ އިރާދަފުޅުން ހެޔޮ ކަންކަމަށް ބަދަލުކުރައްވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.
"ފާފަތައް ފޮރުވައި ވަންހަނާ ކުރުމުގެ މާނައަކީ އެއްވެސް ހާލެއްގައި ފާހިޝް ކަންތަކާއި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރު ދިނުމެއް ނޫނެވެ. މުންކަރާތްތަކާ ދެކޮޅު ހެދުން ދޫކޮށްލުމެއް ވެސް ނޫނެވެ. އެ ކުށަކަށް ކަނޑައެޅިފައިވާ އަބަދު ނުދިނުމެއް ވެސް ނޫނެވެ." ހުތުބާގައިވެ އެވެ.
މީހަކަށް މުންކަރާތަކަށް އަރައިގަނެވިއްޖެނަމަ އޮތީ އޭނާ އަށް ނަސޭހަތްދިނުން ކަމަށާއި ނަމަވެސް ހައްދު ކަނޑައެޅިފައިވާ ފާފަތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހެޅި ކުށް ސާބިތުވެއްޖެނަމަ ޝަރުއީ ގޮތުން ކަނޑައެޅިފައިވާ އަބަދު ދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެއީ ވަލިއްޔުލް އަމްރުގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެ އެވެ.