Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ކައިރޯ އަށް ދާ ޝޫޓިން ޓީމާ ބައްދަލުކޮށްފި

މިސްރުގެ ކައިރޯގައި ބާއްވާ އިންޓަނޭޝަނަލް ޝޫޓިން ސްޕޯޓްސް ފެޑެރޭޝަން (އައިއެސްއެސްއެފް) ވޯލްޑް ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޝޫޓިން ޓީމާ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި، އެ ދެ ބޭފުޅުން ޝޫޓިން ވަނީ ޓީމަށް ހިތްވަރުދެއްވައި ރަނގަޅު ކާމިޔާބީއަކަށް އެދިވަޑައިގެންފަ އެވެ. އަދި ޝޫޓިން ޓީމްގެ ފަރިތަކުރުންތަކަށް ރޭންޖެއްގެ ދަތިކަން ހުރުމާ އެކު އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކޮށްދެއްވާނެ ކަމަށާއި ރާއްޖޭގައި ޝޫޓިން ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަކޮށްދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރޔ ވިދާޅުވި އެވެ.

މާދަމާ މިސްރަށް ފުރުމަށް ހަމަޖެހިފައިވާ ޝޫޓިންގ ޓީމުގައި ހިމެނެނީ ދެ ކޯޗުންނާއި ތިން ޝޫޓަރުންނެވެ. "އިންޓަނޭޝަނަލް ޝޫޓިން ސްޕޯޓްސް ފެޑެރޭޝަން ވޯލްޑް ޗެމްޕިއަންޝިޕް" ކުރިއަށް ދާނީ މި މަހުގެ 12-25 އަށެވެ.

މީގައި ބައިވެރިވާ ދިވެހި ޝޫޓަރުންނަކީ ސްޓާފް ސާޖަންޓް ޝަރަފިއްޔާ ޢަބްދުއްރަޙްމާން އާއި، ލާންސް ކޯޕްރަލް ޒިޔާން ޒިޔާއު އިތުރުން ލާންސް ކޯޕްރަލް އާސިފާ ޖައުފަރު އެވެ.

ޝަރަފިއްޔާ އާއި އާސިފާ މުބާރާތުގައި ވާދަކުރަނީ އަންހެނުންގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުގަ އެވެ. ޒިޔާން ބައިވެރިވަނީ 10 މީޓަރު އެއާ ޕިސްޓަލް އިވެންޓުގަ އެވެ. މި ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަނީ ވޮރަންޓް އޮފިސަރު 1 ޙަސަން ޢަބްދުލްޣަފޫރު އެވެ. އަދި ކޯޗެއްގެ ގޮތުގައި ސާޖަންޓް ފަސްޓް ކުލާސް އަޙްމަދު ސިރާޖް ވެސް މި ޓީމުގައި ހިމެނެ އެވެ.