ސްރީ ލަންކާ ބޮޑު ތަދުމަޑުމަޑުކަމެއްގެ ތެރޭގައި އޮތަސް އެ ގައުމަކީ އެ ތަނަށް ޒިޔާރަތްކުރާ މީހުންނާ އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ގައުމުގެ ގޮތުގައި މި އަހަރު ހިމެނިއްޖެ އެވެ.
ކޮންޑެ ނާސްޓް ޓްރެވެލާގެ މި އަހަރުގެ "ރީޑާސް ޕީޕަލްސް ޗޮއިސް އެވޯޑްސް" ގައި އިން މި އަހަރުގެ "މޯސްޓް ފްރެރެންޑްލިއެސްޓް ކަންޓްރީސް އިން ދަ ވޯލްޑް" ލިސްޓްގައި 22 މިލިއަންގެ މީހުންގެ އާބާދީ އޮތް ލަންކާ ހިމެނެނީ ނުވަ ވަނައިގަ އެވެ. ކޮންޑެ ނާސްޓް އިން ބުނެފައިވާ ގޮތުގައި ލަންކާ އަކީ އެ ގައުމަށް ޒިޔާރަތްކުރާ މީހުންނަށް ހިތްހެޔޮކަމާއި އެކުވެރިކަމާ އެކީ މަރުހަބާ ކިޔާ ބަޔަކު އުޅޭ ގައުމެކެވެ. އަދި އެ ސިފަ އަކި އެ ގައުމުގެ ހުރިހާ އުމުރުފުރައެއްގެ މީހުންގެ ފަރާތުން ވެސް ފެންނަ ވަރަށް ހާއްސަ ސިފައެއް ކަމަށް ބުންޏެވެ. މީގެ އިތުރުން ލަންކާ މީހުންނަކީ މީހުންނަށް އެހީތެރިވުމުގައި ވަރަށް ނަމޫނާ ބައެއް ކަމަށް ކޮންޑެ ނާސްޓް އިން ފާހަގަކޮށްފައިވެ އެވެ.
ކޮންޑެ ނާސްޓްގެ "މޯސްޓް ފްރެރެންޑްލިއެސްޓް ކަންޓްރީސް އިން ދަ ވޯލްޑް" ގެ ގަދަ 10 އަށް ބަލާ އިރު އެއް ވަނައިގައި އޮތީ ފްރެންޗް ޕޮލިނީޝިއާ އެވެ. އަދި ގަދަ ތިނެއްގައި ހިމެނޭ އަނެއް ދެ ގައުމަކީ ކޮލަމްބިއާ އާއި ނިއު ޒީލެންޑެވެ. ގަދަ 10 ބަލާ އިރު ލިސްޓްގައި ދެން ހިމެނެނީ ތައިލޭންޑް، ކޮސްޓަ ރިކާ، ބޮޓްސްވާނާ، ޕެރޫ ބެލީޒް، ލަންކާ އަދި ފިލިޕީންސެވެ.
ލަންކާ އަކީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި މަޝްހޫރު ގައުމެކެވެ. އަދި އެ ގައުމުގެ އެންމެ ހާއްސަ އެއް ކަމަކީ ސައިފަތް އުފައްދަން މަޝްހޫރު ގައުމަކަށްވުމެވެ.