Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ސްޓޭޑިއަމް ހަމަނުޖެހުމާ ގުޅިގެން ހަ މީހަކަށް ދައުވާ

މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިންޑޮނީޝިއާގެ ފުޓްބޯޅަ ސްޓޭޑިއަމެއްގައި އެތައް ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަހުގެ 1 ވަނަ ދުވަހުގެ ރޭ އިންޑޮނީޝިއާ ލީގުގައި އަރޭމާ އާއި ޕާސެބާޔާ ސުރަބަޔާ ބައްދަލުކުރި މެޗަށް ފަހު ހިނގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާކުރަން ނިންމާފައިވާ ހަ މީހުންގެ ތެރޭގައި ފުލުހުންތަކާއި ހަމަނުޖެހުން ރޭވި ބަޔަކު ވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި ތިން ފުލުހަކާއި އަރޭމާ އެފްސީގެ އޯގަނައިޒިން ކޮމިޓީގެ އިސްވެރިއަކާއި ޓީމްގެ ސެކިއުރިޓީ އޮފިސަރަކު ވެސް ހިމެނެ އެވެ. ސްޓޭޑިއަމްގައި ހިނގި ނުޖެހުމާ ގުޅިގެން ދައުވާކުރާ ތިން ފުލުހުންނަކީ އާންމުންގެ ތެރެއަށް ކަރުނަގޭސް ޖެހި މީހުންނެވެ.

މި މީހުންގެ މައްޗަށް އުފުލާފައި ވަނީ އިހުމާލުވުމުގެ ސަބަބުން ބައެއްގެ ފުރާނަ ގެއްލިގެން ދިއުމުގެ ދައުވާ އެވެ. ސްޓޭޑިއަމްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން 131 މީހަކު މަރުވި އެވެ. މި ހާދިސާއާ ގުޅިގެން ދައުވާކުރާ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އެ މީހުންގެ މައްޗަށް އެންމެ ގިނަވެގެން ވެސް އަންނާނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.

އަރޭމާ އާއި ޕާސެބާޔާ ސުރަބަޔާ ބައްދަލުކުރި މެޗަށް ފަހު ގިނަ އަދަދެއްގެ އަރޭމާގެ ސަޕޯޓަރުން ވަނީ ދަނޑު މައްޗަށް އަރައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. ސަޕޯޓަރުންތަކެއް ދަނޑަށް އެރުމާ އެކީ ޕާސެބާޔާ ސުރަބަޔާ ޓީމުގެ ކުޅުންތެރިން ދަނޑުން ފޭބި އިރު، ދަނޑު މަތީގައި އޭރު ތިބި އަރޭމާގެ ކުޅުންތެރިންނަށް ސަޕޯޓަރުން ހަމަލާ ދީފައިވެ އެވެ. އަދި ފުލުހުންގެ ގިނަ އަދަދެއްގެ ވެހިކަލްތަކުގައި ވެސް ރޯކޮށްލި އެވެ.

ދަނޑު މައްޗަށް އެރި ސަޕޯޓަރުން މައިތިރިކުރަން ފުލުހުން ވަގުތުން މަސައްކަތް ކުރި ނަމަވެސް ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވާން މެދުވެރިވީ ފުލުހުން މެޗު ބަލަން ތިބި ސަޕޯޓަރުންގެ ތެރެއަށް ގިނަ އަދަދަކަށް ކަރުނަ ގޭސް ޖެހުމުން ނޭވާ ހާސްވުމާއި، ފިތި ބާރުވެގެންނެވެ.

މި ހާދިސާގައި 131 މީހުން މަރުވިއިރު 300 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

ސްޓޭޑިއަމްގެ ހަމަނުޖެހުމާ ގުޅިގެން އިންޑޮނީޝިއާގެ ލީގު އޮތީ މެދުކަނޑާލައިފަ އެވެ.

މި ހާދިސާއާ ގުޅިގެން އެ ގައުމުގެ އިންޑޮނީޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ވަނީ އެ ހާދިސާ އަކީ އެ ގައުމުގެ ފުޓްބޯޅައިގައި ޖެހުނު ކަޅުލައްގަނޑެއް ކަމަށް ވިދާޅުވެފަ އެވެ.