Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

މި ސަރުކާރަށް އާ ކަމެއް ކުރާކަށް ނޭނގޭ: ޝިޔާމް

އެސްޓީއޯ އިން ރޭޑިއޮގްރަފީ އަށް މީހުން ތަމްރީނުކުރަން ފެށުމާ ގުޅިގެން މި ސަރުކާރަށް އާ ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެ އެވެ.

އިއްޔެ ރޭ އެސްޓީއޯ އިން އިފުތިތާހުކުރި ޕްރޮގްރާމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އާ ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވި ނައިފަރު ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯގެ ޓްރެއިނިން ސެންޓަރަކީ 2016 ގައި އުފައްދައި، އެތަނުން ރޭޑިއޮގްރަފީ ކޯހެއް ހިންގަން އޭރު އެޑިއުކޭޝަން މިނިސްޓްރީއާ އެކީ އެމްއޯޔޫއެއްގައި ސޮއި ވެސް ކުރި ކަމަށެވެ.

އަދި އޭގެ ކުރިން 2014 ގައި އެސްޓީއޯން އޮންލައިން ފާމަސީ ކޯސްތަކެއް ވެސް ފެށި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ހެޔޮނުވާނެ ރައީސް ސޯލިހު އާ ކަމެއްކޮށްބަލަ." ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރި ފެށި ކަހަލަ ކަންކަން ނޫނީ މި ސަރުކާރަށް ނުކެރެވޭ ކަމަށް އިޝާރާތްކޮށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން ހުރިހާ ހަރަދެއް ދޭ ގޮތަށް ފެށި ޑިޕްލޮމާ އިން ރޭޑިއޮގްރަފީ ކޯހުގައި ޖުމްލަ 25 ދަރިވަރަކަށް ފުރުސަތު ދީފައިވެ އެވެ. އެ ކޯހުގެ މުއްދަތަކީ ދެ އަހަރާއި ހަ މަހެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އާއި އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެކެވެ.