ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކީގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ރައީސް ބަހްރައިންގައި ހުންނަވައިގެން ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން، ދެ ދުނިޔެ ބާއްޖަވެރިކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށެވެ. އަދި އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށާއި، އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ، އަދި އޭރު ދުނިޔޭގައި އޮތް ބާރުތަކާއި ޙަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދީ، އެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ތަޙްނިޔާގެ ޙިޠާބުގައި ކީރިތި ރަސޫލާ މީސްތަކުންގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމުގައި ޢަމަލުކުރެއްވި ގޮތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވައި އަދި އަހަރަކު އެއް ފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އުންމަތުގެ މާތް ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާއިރު، މާތް ﷲ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ރިސާލަތު ދަމަހައްޓައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގެ ޢަޒުމް އާކުރަންޖެހޭ" ރައީސް ވިދާޅުވި އެވެ. ކަމަށެވެ.
ކީރިތި ރަސޫލާގެ ޢީދު މީލާދުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ އަހަރެއްގެ ވެސް ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަހެވެ.