Last Updated: July 23, 10:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ރޮކް އެމެރިކާގެ ރައީސަކަށް ވާދައެއް ނުކުރާނެ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާ އެކީ ރޮކް.

އެމެރިކާގެ ރައީސް ކަމަށް ވާދަކުރަން ކުރިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެ ހިޔާލު މީހާރު ދޫކޮށްލާފައިވާ ކަމަށް ކުރީގެ މަޝްހޫރު ރެސްލިން ތަރިން ޑްވޭން ޖޯންސަން (ރޮކް) ބުނެފި އެވެ.

މިހާރު ހޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ 50 އަހަރުގެ ރޮކް ސީބީއެސް ނިއުސްގެ "ސަންޑޭ މޯނިން" އަށް ދިން އިންޓަވިއުއެއްގައި ބުނީ އެމެރިކާގެ ރައީސްކަމަށް ވާދަކުރުމުގެ ވިސްނުން ކުރިން ވަރަށް ބޮޑަށް އޮތް ނަމަވެސް ސިކުނޑީގައި މިހާރު އެ ހިޔާލެއް ނެތް ކަމަށެވެ.

"އެކަމަކު އަހަންނަކީ އަމިއްލަ ގައުމާއި އަމިއްލަ ރައްޔިތުން ދެކެ ވަރަށް ލޯބިވާ މީހެއް." ރޮކް ބުންޏެވެ.

އޭނަ ބުނި ގޮތުގައި ވެރިކަމަށް ވަޑައިގަތުމަށް ވުރެ އަމިއްލަ ދިރިއުޅުމުގައި މިހާރު އެންމެ މުހިއްމު ކަމަކީ ބައްޕައެއްގެ ޒިންމާ އަދާކުރުން ކަމަށެވެ.

"ލައިފްގެ މި ދަނޑިވަޅުގައި އަހަރެން އެންމެ އިސްކަމް ދޭން ޖެހިފައިވާ ކަމަށް ގަބޫލުކުރަނީ ބައްޕައެއްގެ ރޯލަށް. އަހަރެންގެ އަންހެން ދަރިންނަށް އެ މީހުންގެ ބައްޕަގެ ވަގުތު ވަރަށް މުހިއްމު،" ރޮކް ބުންޏެވެ. "އަދި އެ ޒިންމާ ނެގުމުގައި ސާބިތުވެ ހުރުމަކީ އަހަރެން އެންމެ އުފާވާ ކަންތައް ވެސް މެ."

ދެ އަންހެން ކުދިންގެ އިތުރުން ރޮކްގެ ޒުވާން ފިރިހެން ކުއްޖަކު ވެސް އެބަހުއްޓެވެ. އެއީ ފުރަތަމަ ކައިވެންޏަށް ލިބުނު 21 އަހަރުގެ ސައިމަން އެލެގްޒެންޑްރާ އެވެ. ރޮކާއި މިހާރުގެ އަންހެނުން ލޯރެން ހާޝިއަންގެ ދަރިންނަކީ ޖޭސްމިން ލިއާ، 6، އާއި ޓިއާނާ ޖިއާ، 4، އެވެ.

އެމެރިކާގެ ރައީސްކަމަށް ރޮކް ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެން މިދިޔަ އަހަރު އެމެރިކާގައި ނަގާފައިވާ ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި އެ ގައުމުގެ ރައީސަކަށް އޭނަ ގެންނަން 58 ޕަސެންޓް މީހުން ތާއިދުކުރެ އެެވެ. ހަމަ އެ ވޯޓްގައި 58 ޕަސެންޓް މީހުން އެކްޓަރު މެތިއު މެކޮނަހީ ރައީސް ކަމަށް ގެންނަ ތާއިދުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.