އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި މިރޭ ސައުތްހެމްޓަން 4-0 އިން ބަލިކޮށް ލީގުގެ އެއްވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.
ލީގުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 9 މެޗުން ލިބުނު 23 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އަށް މެޗުން ލިބުނު 21 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ލީގުގައި މާދަމާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލީގުގެ އެއްވަނަ އާސެނަލް އަށް އަލުން ލިބޭނެ އެވެ. މިއަދުގެ މެޗުން ބަލިވި ސައުތްހެމްޓަން އޮތީ 9 މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 20 ވަނަ މިނެޓްގައި އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ކަންސެލޯ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ފިލް ފޮޑެން ސިޓީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިން އިރު ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ސިޓީގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒް އެވެ. އަދި މެޗުގެ 65 ވަނަ މިނެޓްގައި ސިޓީގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އާލިންގް ހާލަންޑް އެވެ.
މިރޭގެ މެޗުގައި ކާމިޔާބުކުރި ގޯލާއެކު މި ސީޒަނުގައި ހާލަންޑް ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 20 އަށް އަރާފަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި ކުޅެ 3-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. މި މެޗުގައި ޗެލްސީގެ ގޯލްތައް ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އާއި ކްރިސްޓިއަން ޕުލިސިޗް އަދި އާމަންޑޯ ބްރޯހާ އެވެ.
ފަހަތުން އަރައި ބޯންމަތް އިން 2-1 އިން ލެސްޓަ ސިޓީ ބަލިކުރިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 5-1 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ.