ކުރިން އައްޑޫ ހިތަދޫގައި ހިންގަމުން އައި އިމިގްރޭޝަންގެ ސަދަން ރީޖަން އޮފީސް މަރަދު އަށް ބަދަލުކޮށް އެތަން މިއަދު ހުޅުވައިފި އެވެ.
އެ އޮފީސް ހުޅުވަން ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އައްޑޫ މޭޔަރު އަލީ ނިޒާރެވެ. އޭނަގެ އިތުރުން ބައެއް އެހެން ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ އިސް ބައެއް ވެސް ވެރިން ވެސް ބައިވެރިވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި އައްޑޫގައި މަސައްކަތްކުރާ އިމިގްރޭޝަންގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.

އިމިގްރޭޝަންގެ ސަދަން ރީޖަން އޮފީސް މަރަދޫގައި ހިންގަނީ އެ އަވަށު އޮފީސް ކައިރީގައި ހުންނަ ރަށްވެހިގޭގަ އެވެ. އެހެންވެ މިއަދުން ފެށިގެން ކުރިން ހިތަދޫގައި ހިންގަމުން އައި ސަދަން ރީޖަން އޮފީހުން ދެމުން އައި ހުރިހާ ހިދުމަތްތަކެއް ދެން ލިބޭނީ މަރަދޫންނެވެ.

މަރަދު އަށް އޮފީސް ބަދަލުކުރަން ނިންމިކަން އިމިގްރޭޝަނުން ހާމަކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އިމިގްރޭޝަންގެ ސަދަން ރީޖަން އޮފީސް ހިތަދޫގައި ހިންގަން ފެށީ 2016 ގަ އެވެ.