މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި ހިމެނޭ ބައެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، 02 ޖޫން 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.
އަދި އުމުރުން 18 އަހަރު ނުފުރޭ އިތުރު 3 ކުދިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 05 ވަނަ މާއްދާގެ (ބ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. މި ދައުވާތައް 06 އޮކްޓޫބަރު 2022 ދުވަހު ޖުވެނައިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
ޕީޖީން ބުނެފައިވަނީ މި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާލިބޭ 3 ކުދިންގެ ތެރެއިން 2 ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާރޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑައިވާރޝަން އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.
މިމައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 18 އަހަރުން މަތީގެ 05 މީހެއްގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުން ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. ތަހުޤީޤުގައި ކުރަންހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަހުޤީޤުކުރުމުގެ މުއްދަތު، އިތުރުކޮށްދެމުންގެންދާ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.
ޒަޔާން މަރާލި މައްސަލައިގައި ދަޢުވާލިބޭ 4 ކުދިންނާއި، ތުހުމަތުކުރެވޭ 5 މީހުން ތިބީ ބަންދުގައެވެ.