Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ލިވަޕޫލް ބަލިކޮށް އާސެނަލް އަލުން އެއްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-2 އިން ލިވަޕޫލް ބަލިކުރުމަށްފަހު ލީގުގެ އެއްވަނަ އަށް އަލުން އާސެނަލް އަރައިފި އެވެ.

ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ ކުޅުނު 9 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 9 މެޗުން ލިބުނު 23 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ލިވަޕޫލް އޮތީ 8 މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.

މިއީ މޮޅެއް ނުލިބި ލިވަޕޫލުން ޖެހިޖެހިގެން ނިންމާލި ތިންވަނަ މެޗު ކަމަށްވާއިރު، އާސެނަލުން ވަނީ އެންމެފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ މިނެޓްގައި އާސެނަލް އިން ލީޑު ނެގިއިރު އޮޑެގާޑް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ މާޓިނެއްލީ އެވެ. މާޓިނެއްލީ މި ގޯލް ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ތެރެއަށް ވަނުމަށްފަހު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މި ގޯލަށްފަހު ލިވަޕޫލުން ކުޅުން ރަނގަޅުކުރިއިރު އެޓީމުން ދިޔައީ އާސެނަލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ލުއިސް ޑިއާޒް ނަގައިދިން ހުރަހަކުން މެޗުގެ 34 ވަނަ މިނެޓްގައި ޑާވިން ނުނޭޒް ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ މާޓިނެއްލާ ދިން ބޯޅައަކުން ސަކާ ވަނީ އާސެނަލަށް އަނެއްކާވެސް ލީޑު ނަގާދީފަ އެވެ. ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލްގެ ލީޑު ފުޅާކޮށްލަން އޮޑެގާޑަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފަ އެވެ.

އާސެނަލަށް އެ ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 53 ވަނަ މިނެޓްގައި ލިވަޕޫލުން ނަތީޖާ އެއްވަރުކުރުމެވެ. ޑިއޯގޯ ޖޯޓާ ދިން ރީތި ޕާހަކުން މި ގޯލް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފަމީނޯ އެވެ. ނަތީޖާ އެއްވަރުކުރުމަށްފަހު ލިވަޕޫލުން ވަރަށް ބޮޑަށް ފަހަތަށް އެރިލައިގެން ކުޅުނުއިރު އާސެނަލުން ދިޔައީ ލީޑު އަލުން ނަގަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން މެޗުގެ 76 ވަނަ މިނެޓްގައި އާސެނަލަށް ލިބުނު ޕެނަލްޓީއަކުން ސަކާ ވަނީ އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. މި ޕެނަލްޓީ އާސެނަލަށް ލިބުނީ ލިވަޕޫލްގެ މިޑްފީލްޑަރު ތިއާގޯ އާސެނަލްގެ ފޯވާޑް ގެބްރިއަލް ޖީސެސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.