Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ރޮނާލްޑޯގެ 700 ވަނަ ގޯލުން ޔުނައިޓެޑަށް މޮޅެއް

ކްލަބް ކެރިއަރުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި 700 ވަނަ ގޯލާ އެކު 2-1 އިން އެވަޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ އެވަޓަން އިންނެވެ. އެގޮތުން އެ ޓީމަށް ލީޑުނަގައިިދިނީ ފަސް ވަނަ މިނިޓްގައި އެލެކްސް އިވޯބީ އެވެ. މިއީ ޔުނައިޓެޑްގެ ކަސެމީރޯ އަތުން ގެއްލުނު ބޯޅައެއްގައި އެވަޓަން ކުރި އެޓޭކަކުން އިވޯބީ އޭރިއާ ބޭރުން ޖެހި ޝޮޓަކުން ޖެހި ގޯލެކެވެ.

ޔުނައިޓެޑަށް އެއްވަރުކޮށްދިން ގޯލު ޖެހީ 15 ވަނަ މިނިޓްގައި އެންޓޮނީ އެވެ. މިއީ އެވަޓަންގެ މެދުތެރެއިން ގެއްލުނު ބޯޅައަކުން މާޝިއަލް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 44 ވަނަ މިނިޓްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފަ އެވެ. މިއީ ކަސެމީރޯ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ.

މިއީ ރޮނާލްޑޯ ކްލަބް ކެރިއަރުގައި ކާމިޔާބުކުރި 700 ވަނަ ގޯލު ކަމަށްވާއިރު އޭގެތެރެއިން 450 ގޯލް ކާމިޔާބުކުރީ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރު އެވެ. ޔުނައިޓެޑަށް އޭނާ 144 ގޯލް ކާމިޔާބުކޮށްދީފައިވާއިރު ޔުވެންޓަސް އަށް 101 ގޯލު އަދި ސްޕޯޓިން ލިސްބަން އަށް ވަނީ ފަސް ގޯލް ކާމިޔާބުކޮށްދީފަ އެވެ.

އެވަޓަން އިން ނަތީޖާ އެއްވަރުކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމުން ފޮނުވާލި ގިނަ ބޯޅަތައް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފަ އެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. އަދި އެވަޓަން ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.