އައްޑޫ ފޭދޫން 298 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ފޭދޫގެ ލޭންޑްޔޫސް ޕްލޭންގެ މަސައްކަތް ނިމުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވީ ކައުންސިލްގެ މި ދައުރުގެ ތެރޭގައި ޖުމްލަ 298 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށާއި ގޯތިތައް ދޫކުރާނީ ބައިބަޔަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ ފޭދޫން ދޫކުރަން ނިންމީ 320 ގޯތި ކަމަށާއި ނަމަވެސް އެ ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ފޮނުވުމުން ގްރީން ޒޯންތަކެއް ކަނޑައަޅަން ޖެހޭތީ ބައެއް ސަރަހައްދުތަކުން ގޯތި ނަގަން މިނިސްޓްރީން އަންގާފައިވާ ކަމަށް ސަލްމާ ވިދާޅުވި އެވެ.
ފޭދޫން ދޫކުރާ ގޯތިތަކުގެ އަދަދު މަދުވީ އެ ސަބަބާއި ގުޅިގެން ކަމަށާއި ފޭދޫން ވީހާ ވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ހޯދަން މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް ސަލްމާ ވިދާޅުވި އެވެ.
ސަލްމާ ވިދާޅުވީ ގޯތި ދޫކުރުމުގެ އިތުރުން ފޭދޫގައި 75 ފްލެޓް އެޅުމަށް ބިން ދޫކުރަން ވެސް ލޭންޑް ޔޫސް ޕްލޭނުގައި ހިމަނާފައި ވާނެ ކަމަށެވެ. އަދި ފޭދޫން ގޯތި ދޫނުކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ބޮޑަށް ބާރު އަޅާނީ ފޭދޫން ދޫކުރާ ގޯތި ސީދާ ފޭދޫ ރައްޔިތުންނަށް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ހުރިހާ ކައުންސިލަރުންގެ މަޝްވަރާއާ އެކީ ކަމަށް ސަލްމާ ވިދާޅުވި އެވެ.
ފޭދޫގެ ލޭންޑްޔޫސް ޕްލޭން ނިމިފައިވާ އިރު އަންނަ މަހުގެ ނިޔަލަށް އައްޑޫގެ ހުރިހާ އަވަށެއްގެ ލޭންޑްޔޫސް ޕްލޭން ނިންމުމަށް ވަނީ އަމާޒު ހިފައިފަ އެވެ.