އިދިކޮޅުން މަސްވެރިންގެ ހައްގުގައި ކުރި މުޒާހަރާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ރޫޅާލިކަމަށް ބުނާ މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
މުޒާހަރާ ރޫޅާލި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. މި ކުއްލި މައްސަލަ ބަހުސް ކުރުމަށް ބަލައިގަތުމަށް ފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދިންއިރު ނުފެންނަ ކަމަށް 23 މެމްބަރުން ވޯޓު ދީފައިވެއެވެ.
މެމްބަރު ހުސައިން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭތީ އެކަމުގައި އިދކޮޅުން އަޑުއުފުލުމަށް ނުކުތުމުން އެ މުޒާހަރާ ރޫޅާލާފައިވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރު ކޮށްދޭ އަސާސީ ހައްޤެއް ކަމަށެވެ. އަދި މުޒާހަރާގައި ބައިވެރިވި ކަނބަލުންގެ ކަރާމާތް ފުލުހުން ނަގާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި ކަމަކީ ސަރުކާރުން އަންގައިގެން ފުލުހުން ލައްވާ ކުރުވާފައިވާ ޣައިރުޤާނޫނީ އަމަލެއްކަމަށްވާތީ އެކަން ބެލުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.
އިއްޔެ ހަވީރު މާލޭގެ މަސްމާރުކޭޓު ސަރަހައްދުގައި ބޭއްވި މި އެއްވުމުގައި ޕީޕީއެމް-ޕީއެންސީ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ. އަދި އެ އެއްވުމުގެ ތެރެއިން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅުން މައުލޫމާތުދެއެވެ.