މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް ހެދުމަށް މެޑިފްލެކްސް ލެބޯރެޓްރީއަށް ހަވާލުކޮށްފައިވަނީ އުސޫލާ އެއްގޮތަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ. މެމްބަރު އިބްރާހިމް ރަޝީދު ސުވާލު ކުރައްވާފައިވަނީ ސަރުކާރު ހޮސްޕިޓަލުން ޕީސީއާރް ޓެސްޓް ހެދޭނެ ގޮތް ހަމަޖެހިފައިވަނިކޮށް، ހައްޖު ކޯޕަރޭޝަނުން އެއްވެސް އަމިއްލަ ކްލިނިކަކަށް ފައިސާ ދައްކައިގެން ކޮވިޑް ޓެސްޓް ހަދާފައިވޭތޯއާއި، އެއީ ކޮން ކްލިނިކެއްތޯ އަދި ޓެސްޓް ކުރުމަށް ކިހާވަރެއް ދައްކާފައިވޭތޯއެވެ.
އެސުލާވަށް ފޮނުވި ޖަވާބުގައި މިނިސްޓަރު ޒާހިރު ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ފަރާތްތަކުން ހަދަންޖެހޭ ޕީސީއާރް ޓެސްޓް ހަދައިދޭނެ ބަޔަކު އެ ކުންފުނިން ހޯދާފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.
އެގޮތުން ޕީސީއާރް ޓެސްޓް ހެދުމަށް ހަވާލު ކޮށްފައިވަނީ މެޑިފްލެކްސް ލެބޯޓްރީއާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް ހަދާފައިވަނީ މެޑިފްލެކްސް މެދުވެރިކޮށް ބޮލަކަށް 200 ރުފިޔާގެ ރޭޓުން ކަމަށެވެ.
"އަދި މި ހިދުމަތް ފޯރުކޮށްދޭ ސަރުކާރު ހޮސްޕިޓަލް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން އެ ކުންފުންޏަށް ޕީސީއާރް ޓެސްޓް ހެދުމުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ބޮލަކަށް 700 ރުފިޔާގެ ރޭޓުންނެވެ." މިނިސްޓަރު ޒާހިރު މަޖިލީހަށް ފޮނުވި ޖަވާބުގައި ބުނެފައިވެއެވެ.
މީގެއިތުރުން މިނިސްޓަރު ޒާހިރު ވިދާޅުވީ މިހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމުގައިވާ މޯލްޑިވްސް ޕޮލިސް ސާރވިސްގައި އެދުމުން އެ ފަރާތުން ބުނެފައިަވނީ އެކަމަށް ބޭނުންވާ ކެމިކަލް އެ ބޭފުޅުންގެ އަތުގައި ނެތް ކަމަށާއި، އަދި ކެމިކަލް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް މަސައްކަތް ކުރެވި އެކަންއެގޮތަށް ހަމަޖެހޭގޮތް ނުވުމުން، މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޕީސީއާރް ޓެސްޓް ކުރެވޭ ގޮތް ނުވީ ކަމަށެވެ.