ޒަމާނަށް އައި ބަދަލުތަކާ އެކީ މިހާރު އިންޓަނެޓާއި ޓީވީ އަށް ދެވިހިފައިވާތީ އެކަމުން މިނިވަންވާނެ ވަގުތުކޮޅެއް ކޮންމެ ދުވަހަކު ވެސް ރައްޔިތުންނަށް ހޯދައި ދިނުމުގެ ގޮތުން އިންޑިއާގެ އަވަށެއްގައި ކޮންމެ ދުވަހަކު ވެސް ދޮޅު ގަޑިއެއްހާ އިރަށް އިންޓަނެޓާއި ޓީވީގެ ހިދުމަތް ކަނޑާލަން ނިންމައިފި އެވެ.
ހަގީގީ ދުނިޔެ އާންމުން ގެނެސްދިނުމަށް "ޑިޖިޓަލް ޑިޓޮކްސް" ގެ ގޮތުގައި މިކަން ކުރަން ނިންމާފައި ވަނީ މަހާރަޝްތުރާ ސްޓޭޓްގެ ސަންގްލީ ޑިސްޓްރިކްޓްގެ ވަޅްގާއޯން ވިލެޖްގަ އެވެ. އެގޮތުން އެ އަވަށުން ކޮންމެ ދުވަހެއްގެ އިރާކޮޅު 7:00 ގައި އިންޓަނެޓާއި ޓީވީގެ ހިދުމަތް ކަނޑާނެލަކަން އަންގައި ހާއްސަ ސައިރެންއެއް އަޅާނެ އެވެ. އަދި އެ ހިދުމަތްތައް އަލުން ލިބޭނެކަން އަންގައި ރޭގަނޑު 8:30 ގައި އަލުން ސައިރެން އަޅާނެ އެވެ.

މިކަމާ ބެހޭ ގޮތުން ވިލެޖް ކައުންސިލްގެ ރައީސް ވިޖޭ މޯހިތޭ ވިދާޅުވީ ރައްޔިތުންގެ "ޑިޖިޓަލް ޑިޓޮކްސް" އަށް އިންޓަނެޓާއި ޓީވީގެ ހިދުމަތް ކަނޑާލަން ނިންމައި އެކަމާ ބެހޭ ގޮތުން މަޝްވަރާކުރެވުނީ އިންޑިއާގެ މިނިވަން ކަމަށް 75 އަހަރު ފުރުނު ދުވަސް ކަމަށްވާ މި އަހަރުގެ އޮގަސްޓް 14 ގައި ކަމަށެވެ.
"އިންޓަނެޓާއި ޓީވީ އަށް ގިނަ ބަޔަކު ދެވިހިފައި އެ އެޗިއްސަށް ވަނީ އަޅުވެތިވެފައި. އެހެންވެ އަހަރެމެން ނިންމީ އެ ތަކެތިކަން ރައްޔިތުން މިނިވަންވާނެ ވަގުތުކޮޅެއް ކޮންމެ ދުވަހަކު ވެސް ހޯދައިދޭން." 3،000 މީހުން އުޅޭ ވަޅްގާއޯން ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
ވިޖޭ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކީ ވަކިން ބޮޑަށް އިންޓަނެޓާއި ޓީވީ އަށް މީހުން ބަރޯސާވާ މިންވަރު ވަރަށް ބޮޑެވެ. އެގޮތުން ދަރިވަރުން އޮންލައިންކޮށް ކިޔަވަން ޖެހުމުން ފޯނާއި ޓީވީ ފަދަ ވަސީލަތްތަތަކަށް ދޭ ވަގުތު ވަރަށް ގިނަ އެވެ.
"ހަމަ އެގޮތަށް ބޮޑެތި މީހުން ވެސް އެ އެއްޗިއްސާ އެކީ ހޭދަކުރާ ވަގުތު ވަރަށް ގިނަ. މީގެ ސަބަބުން ދިމާވާ މައްސަލަތައް ވެސް ގިނަ. އެހެންވެ އަހަރެމެން ނިންމީ ރައްޔިތުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އިންޓަނެޓާއި ޓީވީއާ ދުރުކުރަން." ވިޖޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޓަނެޓާއި ޓީވީ ކަނޑާލުމުގެ އުސޫލަށް އަމަލުކުރަން ފަށާ އިރު، މިއީ ހިޔާލު ތަފާތު ވެސް އުފެދިފައިވާ ކަމެކެވެ. އެގޮތުން އަވަށުގެ ގިނަ ފިރިހެނުން އެކަމާ ދެކޮޅު ހެދި ނަމަވެސް ގިނަ އަންހެނުން އެ ނިންމުމަށް ތާއީދު ކަމަށް ވިދާޅުވި އެވެ.
އިންޓަނެޓާއި ޓީވީގެ ހިދުމަތް ކަނޑާލުމާއި އަލުން ދޭން ޖަހާ ހާއްސަ ސައިރެން ހަރުކުރަން ނިންމާފައި ވަނީ އަވަށުގެ އެންމެ މޮޅު ފައްޅީގަ އެވެ.