މާލެސިޓީ ކައުންސިލުން ގަހާއި ގަސް ކާނާ ވިއްކާ ފިހާރައެއް ހުޅުވާ އެ ވިޔަފާރި ކުރަމުން އަންނަނީ ޤާނޫނުގައި އެކަމަށް އޮންނަ އުސޫލާ އެއްގޮތަށް ނޫން ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރި ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް ވިޔަފާރި ކުރަންވާނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީކޮށް އެ ކުންފުނީގެ ހުއްދަ ލިބުމުން ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތްގޮތުގައި މާލެސިޓީ ކައުންސިލަކުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އަދި ނުއުފައްދާ." އަލީ ނިޔާޒް ވިދާޅުވިއެވެ.
އަލީ ނިޔާޒް ވިދާޅުވީ އެފަދަ ކުންފުންޏެއް ރަޖިސްޓްރީކުރާއިރު ހުއްދަދޭ ބައެއްކަންކަން ހުންނަކަމަށާއި، މާލޭގައި އެތައްބަޔަކު ކުރާ އާންމު ވިޔަފާރިއަކަށް "އަރައިގަނެވޭ ގޮތަކަށް" އެ ހުއްދަ ދޭނެކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ.
މާލެސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައިނުވާކަން ތަކުރާރު ކުރައްވާ އަލީ ނިޔާޒް ވިދާޅުވީ މާލެސިޓީ ކައުންސިލުން މިހާރު ވިޔަފާރި ކުރަނީ ކޮން އުސޫލެއްގެ ތެރެއިންކަން ނޭންގޭ ކަމަށެވެ.
އަލީ ނިޔާޒް ވިދާޅުވީ އުސޫލުގެ ތެރެއިން ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ކަމަށާއި، އެހެންނަމަވެސް އެ ވިޔަފާރިއަށް ހުއްދަ ދޫކުރާނީ ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަމަށެވެ. އަދި މިކަން އިތުރަށް ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކާނިވާ ސަރަހައްދުގައި "މާލެ ފެހި" ނަމުގައި މާލެސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވާފައިވާއިރު، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އާއްމުންނަށް ގަސް ގަނެވޭނެ ގޮތަށް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ވެސް މާލެ ފެހިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ.