Last Updated: July 17, 18:07
Friday, July 17, 2026
ރިޕޯޓް

އައްޑޫގައި ވެސް މާޝަލް އާޓްސް ދަސްކުރެވޭނެ

ޓައެކްވޮންޑޯގެ ކްލާހެއް ފޭދޫގައި ކުރިއަށް ދަނީ. ފޮޓޯ. ޝާކްސް އައްޑޫ

ރާއްޖޭގައި މިހާރު ކުޅިވަރެއްގެ ގޮތުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މާޝަލް އާޓްސް އައްޑޫގައި ވެސް ދަސްކޮށްދޭން ފަށައިފި އެވެ.

މިކަން އައްޑޫގައި ފެށީ ޝާކްސް މާޝަލް އާޓްސް އެކަޑެމީންނެވެ. އެގޮތުން އެތަނުގެ ފަރާތުން މާޓްސް އާޓްސްގެ ޓައެކްވޮންޑޯ އައްޑޫގައި ދަސްކޮށްދޭން ވަނީ ފަށައިފަ އެވެ. ޖޯޑަން ތަޖުރިބާކާރު އިންސްޓްރަކްޓަރާ އެކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި މިހާރު ވަނީ ކްލާސްތައް ނަގައިދޭން ފަށައިފަ އެވެ. އެގޮތުން މީގައި ބައިވެރިވާން ބޭނުންވާ އުމުރުން 5 އަހަރުން މަތީގެ ދެ ޖިންސްގެ އެންމެންނަށް ވެސް އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.
އެތަނުގެ ނަމްބަރު 9778030 އަށް ގުޅައިގެންނާއި ޝާކްސް މާޝަލް އާޓްސް އެކަޑެމީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ރަޖިސްޓްރީކުރެވޭނެ އެވެ. މި ލިންކުން https://sharksmv.com/addu-sharks ވެސް އިތުރު މައުލޫމާތު ލިބޭނެ އެވެ.

އެގޮތުން 18 އަހަރުން ދަށަށް ފީއެއްގެ ގޮތުގައި ނަގަނީ 500ރ. އެވެ. އަދި 18 އަހަރުން މަތީގެ ފީ އަކީ 700ރ. އެވެ. ޓައެކްވޮންޑޯ ކްލާސްތައް ނަގައި ދެނީ ބޮޑެތި މީހުންނާއި ކުޑަކުދިން ވަކިން ހަފުތާއަކު ހަ ދުވަހު އެވެ. އަދި ކްލާސްތައް ބައިވެރިވާ މީހުން ބޭނުންވާ މުއްދަތަކަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

މި މަހުގެ 8 ގައި އައްޑޫގައި ޓައެކްވޮންޑޯ ރަސްމީކޮށް ލޯންޗްކޮށް ގުޅިފައިވާ އަވަށްތަކުގައި އަންނަނީ ކްލާސްތައް ހިންގަމުންނެވެ. އެގޮތުން ހިތަދޫގެ ކްލާސްތައް ހަފުތާގެ ތިން ދުވަހު އަދި މަރަދު އާއި މަރަދޫފޭފޭދު އަދި ފޭދޫގެ ބައިވެރިންނާ އެކީ ކްލާސްތައް އަނެއް ތިން ދުވަހު ކުރިއަށް ގެންދާނެ އެވެ.

އައްޑޫގެ ސްކޫލްތަކުން މިއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، އާންމުންގެ ފަރާތުން ވެސް އެކަށީގެންވާ ތަރުހީބެއް ލިބެމުން އަންނަ ޓައެކްވޮންޑޯގެ އައްޑޫގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ސްކޫލްތަކުން މިއަށް ވަރަށް ބޮޑު ސަޕޯޓެއް އެބަލިބޭ. އެކަމަކު އަދި އާންމުން ބައިވެރިވާލެއް ތަންކޮޅެއް. އެކަމަކު މިއީ އަލަށް ފެށި ކަމަކަށްވާތީ ކުރިއަށް އިތް ތަނުގައި ބޮޑު ތަރުހީބެއް އައްޑޫން ލިބޭނެ ކަމަށް އުންމީދުކުރެވޭ." އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ އިތުރުން ވަރަށް އަވަހަށް ވަކިން އޮންނަ ހުޅުދު އާއި މީދޫގައި ވެސް މި ޕްރޮގްރާމް ފަށާނެ އެވެ.

"އެކޮޅުން ވެސް ވަރަށް ގިނަ ރިކްއެސްޓްތައް ލިބިފައި އެބަހުރި. އެހެންވީމަ ވަރަށް އަވަހަށް ހުޅުދު އާއި މީދޫގައި ވެސް ޕްރޮގްރާމްތައް ފަށާނެ." އޭނާ ވިދާޅުވި އެވެ.

ޓައެކްވޮންޑޯ އަކީ މާޝަލް އާޓްސްގެ ވަރަށް މުހިއްމު އެއް ފޯމެވެ. މީގެ އެންމެ އަސާސަކީ ސެލްފް ޑިފެންސް ނުވަތަ އަމިއްލަ ނަފުސު ނުރައްކާތެރި ހާލަތްތަކުގައި ދިފާއުކުރާނެ އުކުޅުތައް ދަސްކުރުމެވެ. އަދި މިއީ މީހާ ވަރަށް ބޮޑަށް ޑިސިޕްލިންކޮށްދޭ ކުޅިވަރެކެވެ. އެގޮތުން އިހުތިރާމްކުރުމާއި ލިބިގަތުމާއި ހިތްވަރުކުރުމާއި ނަޒާހަތްތެރިކަން ފަދަ މުހިއްމު ސިފަތައް ޓައެކްވޮންޑޯގެ ތެރެއިން އަށަގަންނާނެ އެވެ.

"މާޝަލް އާޓްސްއޭ ބުނީމަ ބައެއް މީހުންނަށް ބޮޑަށް ސިފަވަނީ މީތި ހަމައެކަނި ތަޅާފޮޅާ ކަމެއްގެ ގޮތުގައި. މީގެ ތެރޭގައި ކިކް ބޮކްސިން ކަހަލަ ހުނަރުތައް ވަރަށް ބޮޑަށް އެކުލެވޭނެ. އެކަމަކު ހަގީގަތުގައި މިއީ މީހާގެ ސެލްފް ޑިފެންސަށް ކުރެވޭ އަދި މީހާ ޑިސިޕްލިންކޮށްދޭ ވަރަށް ބޭނުންތެރި ހުނަރެއް. އެހެންވެ އައްޑޫން ވަރަށް ގިނަ ބަޔަކު މީގައި ބައިވެރިވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ." އޮފިޝަލް ވިދާޅުވި އެވެ.

ޓައެކްވޮންޑޯ އައްޑޫގައި ފެށުމާ ގުޅިގެން މިކަން ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ އެހީތެރިކަން ހޯދަން ވެސް މަޝްވަރާތަކެއްކޮށްފައި އެވެ.

"ކައުންސިލުން އޮތީ އަޅުގަނޑުމެންނަށް ސަޕޯޓްދޭ ގޮތަށް. އެހެންވީމަ މިކަން އައްޑޫގައިއ ކާމިޔާބު ކަމަކަށް ވެސް ހެދޭނެ." އޮފިޝަލް ވިދާޅުވި އެވެ.