ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޕީޖީން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު އެއްބަސްވެވިފައިވާ ކަމަށެވެ.
މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނޭކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އޭސީސީން ތަހުޤީޤުކުރާ މައްސަލަތައް ޕީޖީއަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ މައުލޫމާތު ވަކި ހަމައަކުން އޭސީސީއާ ހިއްސާކުރަމުންދިއުން ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީޖީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސެއިން ޝަމީމެވެ. އަދި އޭސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ.