Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ޤާސިމް ހުށަހެޅި އިސްލާހުތައް ބޭރުކޮށްލައިފި

ޤާސިމް އިބްރާހިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ތިން އިސްލާހެއް، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ބަލައި ނުގަނެ ބޭރު ކޮށްލައިފިއެވެ.

ޤާސިމް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކާއި، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލެއްގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.

ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 މެމްބަރުން ކަމުގައި ކަނޑައެޅުމަށް ހުށަހެޅި އިސްލާހެވެ. އެ އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް 7 މެމްބަރުން ވޯޓު ދިންއިރު، އެ އިސްލާހު ބަލައިގަތުމަށް ނުފެންނަ ކަމަށް 25 މެމްބަރުން ވޯޓު ދީފައިވެއެވެ. މި އިސްލާހު ބަލައިގަތުމަށް ވޯޓު ދިން ހަމައެކަނި އެމްޑީޕީގެ މެމްބަރަކީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް ޤާސިމް އިސްލާހު ހުށަހަޅާފައިވަނީ އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގުމުގެ ކުށުގެ އަދަބު ބޮޑު ކުރުމަށެވެ. އިސްލާހު ހުށަހަޅާފައިވަނީ މި ކުށް ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށެވެ. މި އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް 13 މެމްބަރުން ވޯޓު ދިންއިރު، އެ އިސްލާހު ބަލައިގަތުމަށް ނުފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދީފައިވެއެވެ. މި އިސްލާހު ބަލައިގަތުމަށް ވޯޓު ދިން 13 މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ތިން މެމްބަރުން ހިމެނެއެވެ. އެއީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ.

މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޤާސިމް އިސްލާހު ހުށަހަޅާފައިވަނީ ލިވާތުގެ ކުށާއި ސިޙާޤުގެ ކުށްތައް ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުމަށެވެ. މިއިސްލާހު ބަލައިގަތުމަށް ފެންނަ ކަމަށް 13 މެމްބަރުން އަދި ނުފެންނަ ކަމަށް 25 މެމްބަރުން ވޯޓު ދީފައިވެއެވެ. މި އިސްލާހު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓުދިން އެެމްޑީޕީގެ މެމްބަރުންނަކީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހުށަހެޅި އިސްލާހުތައް އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ބޭރުކޮށްލިއިރު، މިއަދުގެ ޖަލްސާގައި ޤާސިމް ބައިވެެރިވެވަޑައިގެންފައެއް ނުވެއެވެ.