އަައްޑޫ ފޭދޫ ލޭންޑް ޔޫޒް ޕްލޭން ހަދާފައި ވަނީ އެ އަވަށުގައި ހަދަން ނިންމާފައިވާ ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ވެސް ހިމެނޭ ގޮތަށް ކަމަށް ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
އެ އަވަށުގެ ލޭންޑް ޔޫޒް ޕްލޭން ނިމުމާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލްގެ ވާހަކަ އަކީ އިންތިހާބުގެ ތެރެގައ ވެސް ދެކެވިފައި އޮތް ކަމަށެވެ. މި ވާހަކަ ފުރަތަމަ ފައިސަލް ދައްކާފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި އެވެ.
އޭރު ފައިސަލް ވިދާޅުވެފައި ވަނީ ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހަދަން އޮތީ ގަމާވީ ކޮޅުން ކަމަށެވެ. އެގޮތުން އެ ދިމާލުގައި އޮިތް ފޭދޫގެ ކުފެ ރަސްމީ ފުޓްބޯޅަ ދަނޑު އޮތް ތަނަނީ އެކަންކަމަށް ބޭނުން ކުރެވޭނެ ސަރަހައްދު ކަމަށް ވިދާޅުވެފައިވެ އެވެ.
ފައިސަލް އިއްޔެ ވެސް ވިދާޅުވީ ކުރިން ވާހަކަ ދެކެވިފައި އޮތް ގޮތަށް އެ ސަރަހައްދުގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހަދާނެ ކަމަށެވެ.
"ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ގެ ވާހަކަ އަޅުގަނޑުމެން އިންތިހާބުގެ ތެރޭގައި ދެއްކީމަ ވަރަށް ގިނަ ބަޔަކު އެކަމަށް ޖޯކް ޖެހި. އަދި އެއީ ވާނެ ކަމެއް ނޫން ކަމަށާއި އެއީ ހުސް ހޮޅި ވާހަކަ ކަމަށް ބުނި،" އޭނާ ވިދާޅުވި އެވެ. "އެކަމަކު މިއީ [ލޭންޑް ޔޫޒް ޕްލޭން ހެދިގެން ދިޔައިމަ] މިއީ [އެކަން ކިރަން ހުޅުވޭ] ފުރަތަމަ ސްޓެޕް ކަމަށް ބެލެވޭ. ދެން ލޭންޑް ޔޫޒް ޕްލޭންގައި މިކަންކަން ހިމެނިގެން އަޅުގަނޑުމެން ކައުންސިލަށް މިހާރު އަންނަނީ އެކަން އިއުލާންކުރަން ވެސް ފުރުސަތު ހުޅުވިގެން ގޮސްފައި. އެހެންވީމަ އެކަމަށް އަޅުގަނޑުމެން މަސައކަތްކުރާނެ ވާގަކަ ފާހަގަކޮށްލަން."
މިދިޔަަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކްލަބް ހައުސްގައި "ފިއުޗަރ އޮފް އައްޑޫ ޓޫރިޒަމް" ގެ ނަމުގައި އައްޑޫ ކައުންސިލުން ބޭއްވި ޕެނަލް ޑިސްކަޝަންގައި މޭޔަރު އަލީ ނިޒާރު ވެސް ވިދާޅުވެފައި ވަނީ ފޭދޫގައި ކްރޫޒް ޓާމިނަަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރާނެ ކަމަށެވެ.
"ފޭދޫގެ ރަސްމީ ބޯޅަ ދަނޑާއި، އެ ބޯޅަ ދަނޑާއި ގުޅުންހުރި ފޭދޫގެ ހިއްކި ބިމާއި އަދި ގަމުގެ ކޯޒްވޭ ސަރަހައްދާ އެކު ކްރޫޒް ޓާމިނަލަކާއި އަދި ޔޮޓް މެރީނާއާ އެކު 100 ކޮޓަރީގެ ހޮޓަލެއް ތަރައްގީ ކުރާނެ ވަރުގަދަ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްދާނެ ޕްރޮޖެކްޓެއް މިއީ." އޭނާ ވިދާޅުވި އެވެ.
ނިޒާރު އޭރު ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓަށް ތިން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެހެންވެ ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.