އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު މިންހާޖު ހޯދުން ހުއްޓާލައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އައްޑޫ ހިތަދޫ މިންހާ، މިންޖާހް، 28، ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެން ދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށެވެ.
އޭނާ ހޯދަން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އިއްޔެ ވެސް ވަނީ 300 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބެލި އެވެ. ހަތަރު ދުވަހަށް ދެމިގެން ދިޔަ މި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަ ކުރާފްޓް "ހަކުރާ"، 665 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، އެމްއެންޑީއެފް ޑޯނިއާ ފްލައިޓްގައި ވަނީ ވައިގެ މަގުން 2000 ސްކޮޔަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވެސް ބަލާފައިވެ އެވެ.
ބަންޑުން ޖަހާލި ލޯންޗުން މިންހާޖާ އެކީ ގެއްލުނު 37 އަހަރުގެ މީހަކު ފެރިދޫ ފުއްޓަރާ ދިމާއިން ކުރިން ފެނި، އޭނާ މާލެ ގެންގޮސް ފަރުވާ ވެސް ދީފައިވެ އެވެ.
އެ މީހުން ދަތުރުކުރި ލޯންޗް ބަންޑުން ޖެހީ މި މަހުގެ 6 ވަނަ ދުވަހު މެންދުރު 1:00 ހާއިރު މާލޭން ފުރައިގެން އުކުޅަހަށް ދަތުރުކުރަނިކޮށެވެ.