Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހުރިހާ ބަސް ސްޓޮޕްތައް ހިޔާ ކުރަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން ފަށާފައިވާ މިނީ ބަހުގެ ހިދުމަތަށް ބަސް މަޑުކުރާ ބަސް ސްޓޮޕްތައް ހިޔާކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ހުރިހާ ބަސް ސްޓޮޕްތައް މިއަހަރު ނިމުމުގެ ކުރިން ހިޔާ ކުރެވޭނެ ކަމަށެވެ.

މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 މިނީ ބަސް އެމްޓީސީސީން ރާއްޖެ ގެނައީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.

މިނީ ބަހުގެ ހިދުމަތް އެމްޓީސީސީން ދެމުން އަންނަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގަ އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ހިދުމަތާއި އާރްޓީއެލް ބަހުގެ ހިދުމަތެވެ. މިގޮތުން އުތުރުގެ ހުރިހާ ރަށެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ.