އުމުރުފުޅުން 97 އަހަރުގައި މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރައްވަން އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތީރް މުހައްމަދު ނިންމަވައިފި އެވެ.
މަހާތީރް ވަނީ މެލޭޝިއާގެ ބޮޑުވަޒީރުކަން ދެ ފަހަރެއްގެ މަތިން ކުރައްވާފަ އެވެ. އެގޮތުން ފުރަތަމަ ފަހަރު 22 އަހަރު ވަންދެން އެ މަގާމު މަހާތީރް އަދާކުރެއްވިއިރު ދެވަނަ ފަހަރަށް އެ މަގާމު އޭނާ އަދާކުރެއްވީ އުމުރުފުޅުން 92 އަހަރުގަ އެވެ. އެ މަގާމަށް އެފަހަރު މަހާތީރު ވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ.
ހިތުގެ އާލާސްކަންފުޅެއްގައި މި އަހަރުގެ ކުރީކޮޅު މަހާތީރަށް ހޮސްޕިޓަލުގައި ފަރުވާ ދެއްވި ނަމަވެސް މަހާތީރް ވަނީ އިންތިހާބުގައި ވާދަކުރެއްވޭ ވަރަށް ސިއްހީ ހާލުކޮޅު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ.
ނަމަވެސް މަހާތީރް ޕާޓީ ހިމެނޭ ކޯލިޝަނަށް އާންމު އިންތިހާބު ކާމިޔާބުވި ނަމަވެސް އަލުން ބޮޑުވަޒީރު ކަމަށް ވަޑައިގެންނަވާނެ ބޭފުޅަކާ މެދު މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށް މަހާތީރް ވިދާޅުވި އެވެ.
މެލޭޝިއާގެ ގާނޫނު ހަދާ މަޖިލިސް މިދިޔަ ހޯމަ ދުވަހު ވަނީ އުވާލާފަ އެވެ. މަހާތީރް ގާނޫނު ހަދާ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބު ވަޑައިގެންނެވީ 1964 ގަ އެވެ.