އައްޑޫ ފޭދޫގައި އާ ސްކޫލެއް އަޅަން ނިންމާފައިވާތީ އެތަނަށް ހިއްކި ބިމުން ހަމަޖައްސާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ފޭދޫގެ ލޭންޑް ޔޫޒް ޕްލޭން ނިމުމާ ގުޅިގެން އެކަމާ ބެހޭ ގޮތުން މައުލޫމާތު ދޭން ހޯމަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވީ އާ ސްކޫލަށް ބިން ހަމަޖެއްސުމަކީ ލޭންޑް ޔޫޒް ޕްލޭންގެ ތެރެއިން ވެސް ވަރަށް ބޮޑު އިސްކަމެއް ދިން ކަމެއް ކަމަށެވެ.
އެހެންވެ އެކަމަށް ހިއްކި ބިމުން ބިން އެލޮކޭޓްވެފައި ވަނީ ސްކޫލެއް އަޅަން އެންމެ އެކަށީގެންވާ ދިމާއަކާ ބެހޭ ގޮތުން ފޭދޫ ސްކޫލާއި އައްޑޫގެ ތައުލީމީ ދާއިރާގެ ވަރަށް ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

ސަލްމާ ވިދާޅުވި ގޮތުގައި ފޭދު އަށް އިތުރު ސްކޫލެއްގެ މުހިއްމުކަން ބޮޑެވެ. ސަބަބަކީ މިހާރު ހުރި ހަމައެކަނި ސްކޫލް ކަމަށްވާ ފޭދޫ ސްކޫލަށް ޖާގައިގެ ދަތިކަން ކުރިމަތިވެ، އެ ސްކޫލަށް ވަންނަން އެދޭ ދަރިވަރުންނަށް ފުރުސަތު ދޭން ވެސް ދަތިވެފައިވެފައިވުމެވެ.
އޭނާ ވިދާޅުވީ ކުރިން ފޭދޫން ހިޖުރަކޮށްފައިވާ ބައެއް އާއިލާތައް ކޮވިޑްގެ ބަލިމަޑުކަމާ ވިދިގެން އަލުން ރަށަށް ބަދަލުވެފައިވާތީ އެފަދަ އާއިލތަކުގެ ކުދިންނަށް ވެސް ފޭދޫ ސްކޫލުން ޖާގަ ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

ފޭދޫގައި އާ ސްކޫލެއް އިމާރާތްކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރުގެ މާޗް މަހުގެ ތެރޭގައި އައްޑު އަށް ކުރެއްވި ދަތުރުއި ވިދާޅުވި އެވެ. އޭރު ރައިސް ވިދާޅުވީ ފޭދޫ ސްކޫލް އިތުރަށް ތަރައްގީ ކުރެވެން ނެތް ކަމަށާއި އެހެންވެ ފޭދޫގައި މިހާރު ހުރި ސްކޫލްގެ ބަދަލުގައި އާ ސްކޫލެއް އަޅައިދޭން ނިންމާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފޭދޫ ސްކޫލަކީ ނާސަރީން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ.