Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އުންމީދަކީ އަންނަ މަހު ފޭދޫން ގޯއްޗަށް ހުޅުވާލުން

އުންމީދަކީ ފޭދޫން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލަން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފޭދޫ ލޭންޑް ޔޫޒް ޕްލޭން ނިމުމާ ގުޅިގެން ބޭއްވި ނޫސް ކޮންފަރެންސްގައި އެ އަވަށު މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ގޯތި ދޫކުރަން ހުޅުވައިލެވޭ ވަރަށް އެކަމާ ގުޅޭ މަަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ ލޭންޑް ޔޫޒް ނިމުމާ އެކީ ގޯތި ދޫކުރާނެ އުސޫލުތައް ވެސް ކަނޑައަޅައި ގޯތި ދޫކުރުން އަވަސްކުރުމުގެ ގޮތުން އެކަމާ ގުޅޭ މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ވެސް ކައުންސިލަށް ހުށަހެޅި ކަމަށެވެ.

"އެހެންވެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، އުސޫލުތައް ހަދައިގެން، އެ އުސޫލުތަކާ އެއްގޮތުގެ މަތިން ބިން ދޫކުރެވޭނެ. އަޅުގަނޑުމެން އުންމީދުކުރަނީ އަދި މި މިކުރާ މަސައްކަތަކީ މި ފެށޭ މަހުގެ ތެރޭގައި ގޯތިތަކަށް އިއުލާންކުރެވޭ ވަރަށް މަސައްކަތްކުރުން،" ފައިސަލް ވިދާޅުވި އެވެ. "އެހެންވީމަ އެ ޚަބަރު ރައްޔޮތުންނަށް ދެން."

އޭނާ ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭނުގައި ކަނޑައަޅާފައިވާ ފޭދޫގެ އިންޑަސްޓްރިއަލް ޒޯނުން ދޭން ނިންމާފައިވާ ކުލީ ބިންތަކަށް ވެސް ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އެކަމަށްޓަކައި ވެސް ވަރަށް މަސައްކަތްތައް ކުރިއަށް އެބަދޭ." ފައިސަލް ވިދާޅުވި އެވެ.

ބިމުގެ ދަތިކަން ކުރިމަތިވެ، ފޭދޫން ގޯތި ދޫނުކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޭދޫ ވަށައިގެން 50 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

ހިއްކި ބިމުން ގޯތި ދޭން ތައްޔާރުވަމުން އަންނަ އިރު އެކަން ކުރަން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވައިލަން ނިންމާފައި ވަނީ 298 ގޯއްޗަކަށް ކަމަށް ކައުންސިލުން ބުންޏެވެ.

ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވި ގޮތުގައި ދާދި ފަހުން ފޭދޫގެ ޗަސްބިންތައް ހިއްކި އިރު، އެފަދަ ބިންތައް ހުރި އެކި ސަރަހައްދުތަކުން ވެސް ގޯތިތަކެއް ލިބެން އެބަހުރި ކަމަށެވެ. އެހެންވެ ފޭދޫން ގޯތި ދޫކުރާ އިރު އެފަދަ ބިންތަކަށް ވެސް ހުޅުވައިލާނެ ކަމަށް ވިދާޅުވި އެވެ.

ފޭދޫން ގޯތި ދޫކުރަން ތައްޔާރުވަމުން އަންނަ އިރު، އެ އަވަށުގައި 75 ހައުސިން ޔުނިޓް އަޅަން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ. ކުރިން ފޭދޫގައި 25 ހައުސިން ޔުނިޓް އަޅާފައިވެ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.