Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އެމްއާރްޑީސީ އަށް ލިބެންޖެހޭ 171.7 މިލިއަން ހޯދަން ލަފާ ދީފި

ހިތަދޫގައި ހުރި އެމްއާރްޑީސީގެ އައްޑޫ އޮފީސް, އައްޑޫލައިވް ފޮޓޯ: ހުސެއިން ޒަހީން

އުވާލާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އަށް ލިބެންޖެހޭ ޖުމުލަ 171،704،820 ރުފިޔާ ހޯދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފިނޭންސް މިނިސްޓްރީއަށް ލަފާދީފިއެވެ.

މިގޮތަށް ފިނޭންސް މިނިސްޓްރީއަށް ލަފާދީފައިވަނީ އެ މިނިސްޓްރީގެ 2019 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައެވެ.

އިއްޔެ އާންމުކުރި މި އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން، ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަންކޮށްފައިވާ މީހާ ނުވަތަ މީހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި، ކުންފުނީގެ މުދަލާއި ދަރަނިތަކުގެ ތަފުސީލް ބަޔާނެއް ތައްޔާރުކޮށް، އެ ކުންފުންޏެއްގެ މުދާ ރައްކާތެރިކުރުމާއި އެކި ފަރާތް ފަރާތުން ކުންފުންޏަށް ލިބެންހުރި ދަރަނިތައް ހޯދުން ހިމެނޭ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެމްއާރްޑީސީ އުވާލުމަށް ނިންމުމާ ގުޅިގެން، އެ މަސައްކަތްކުރުމަށް 20 މެއި 2018 ގައި އެމްއާރްޑީސީއާއި ލިކުއިޑޭޝަންގެ މަސައްކަތްކުރާ ފާމަކާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމަށެވެ. މި އެއްބަސްވުމުގައި އުވާލާ ކުންފުނީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތައް ތައްޔާރުކޮށް ކުންފުނީގެ އެސެޓްތައް ހިފަހައްޓައި އަދި ކޮންޓްރޯލްކޮށް އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ލިކުއިޑޭޓަރުގެ ޒިންމާއެއް ކަމުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ލިކުއިޑޭޓަރު އެމްއާރްޑީސީގެ މުދަލާއި ދަރަނިތަކުގެ ރިޕޯޓްތައް ތައްޔާރުކޮށްފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ.

އެމްއާރްޑީސީ އުވާލުމާ ހަމައަށް އަދާކޮށްފައިވާ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތަފުސީލް ރިޕޯޓް ލިކުއިޑޭޓަރ ތައްޔާރުކޮށްފައި ނުވާކަންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

"އެމް.އާރް.ޑީ.ސީގެ އެންމެ ފަހުން އޮޑިޓްކުރެވިފައިވާ 31 ޑިސެމްބަރު 2017 ވަނަ އަހަރުގެ ނިޔަލަށްވެސް، 171.7 މިލިއަން ރުފިޔާ ކުންފުންޏަށް ލިބެން ހުރިކަން ފާހަގަކުރަމެވެ. އެހެން ނަމަވެސް ކުންފުނި އުވާލުމަށް ނިންމި ފަހުންވެސް ކުންފުންޏަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ހޯދާފައިނުވާކަން ފާހަގަކުރެވެއެވެ." އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

އެމްއާރްޑީސީއަށް ލިބެންޖެހޭ ފައިސާގެ ތަފުސީލް–

އޮޑިޓް ރިޕޯޓްގައިވަނީ އެމްއާރްޑީސީ އުވާލުމުގައި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގައި ބަޔާންކޮށްފައި ވާގޮތަށް، ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމާއި ސައްހަ ދަރަނިތައް އަދާކުރުމާއި އަދިވެސް ޤާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަކޮށް ސަރުކާރުގެ ނިންމުމާ އެއްގޮތަށް ކުންފުނި އުވާލުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ލަފާ ދީފައެވެ.

އަދި އެމްއާރްޑީސީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށްވެސް އޮޑިޓް ރިޕޯޓްގައި ލަފާދީފައިވެއެވެ.