Last Updated: July 23, 10:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ރޮކް އެމެރިކާގެ ރައީސްކަމަށް ވާދަކޮށްފާނެ

އެމެރިކާގެ ރައީސްކަމަށް ވާދަކުރުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް މި ހަފުތާގެ ކުރީކޮޅު ބުނެފައި ވަނިކޮށް މަޝްހޫރު އެކްޓަރު ޑްވޭން ޖޯމްސަން (ރޮކް) އަނެއްކާ ވެސް އެކަމާ މެދު ވިސްނާނެ ކަމަށް ބުނެފި އެވެ.

ކުރީގެ ރެސްލިން ތަރި އެމެރިކާގެ ރައީސް ކަމަށް ވާދަކުރުމާ މެދު އަލުން ވިސްނާނެ ކަމަށް ބުނެފައި މި ވަނީ ސީބީއެސް ނިއުސްގެ "ސަންޑޭ މޯނިން" އަށް ދިން އިންޓަވިއުއެއްގައި ރައީސް ކަމަށް ވާދަކުރުމުގެ ހިޔާލު ދޫކޮށްލި ވާހަކަ ބުނުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އޭނަ ރައީސް ކަމަށް ވާދަކުރަން އެދޭތީ ސީއެންއެން އަށް ދިން އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި 50 އަހަރުގެ އެކްޓަރު ބުނީ އޭނާ ވައިޓް ހައުސް އަށް ވަންނަން އެދޭ ކަމަށް ގިނަ ބަޔަކު ބުނަމުން ދިއުމަކީ ވަރަށް އުފާ ވެސްވާކަމެއް ކަމަށެވެ.

"އެކަމަށްޓަކައި އުފާކުރަން. އެކަމަކު އަހަރެންގެ މި ވަގުތު އެންމެ ބޮޑު ފޯކަސް އަކީ އަދި އެންމެ ބޮޑު ވަޒީފާ އަކީ ބައްޕައެއްގެ ޒިންމާ އަދާކުރުން،" ކުޑަ ދެ އަންހެން ކުދިން ތިބި ރޮކް ބުންޏެވެ. "ބައްޕައެއްގެ ހައިސިއްޔަތުން ނަގަން ޖެހޭ ޒިންމާތައް ނެގުމަކީ މި ވަގުތު އެންމެ އުފާވާ ކަންތައް ވެސް މެ."

އޭނަގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ރައީސް ކަމަށް ވާދަކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެތޯ ސުވާލުކުރުމުން ރޮކް ބުނީ އެ ދޮރު މިހާރު ހުޅުވިފައި އޮތް ކަމަށް ދެކޭ ކަމަށެވެ.

"އެހެންވީމަ ސީރިއަސްކޮށް އެކަމާ ވިސްނާނަން. އަހަރެން ރައީސްކަމަށް ވާދަކުރަން ފެނޭތޯ އެކި ފަރާތްތަކުން ހެދި ޕޯލްތަކަށް ބަލާ އިރިު ގިނަ ބަޔަކަށް އެކަމަށް އެދޭ މިންވަރު ވެސް އަންނަނީ،" ހޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރޮކް ބުންޏެވެ. "ގައުމުގެ ގިނަ ބަޔަކު އަހަރެން ރައީސް ކަމަށް ގެންދަން ބޭނުންވާ ނަމަ އަހަންނަށް ހީވަނީ އެއީ އަހަރެން ކުރަން ވެސް ޖެހޭނެ ކަމެއްހެން. އެހެންވީމަ އެކަމާ ވިސްނާނަން."

ދެ އަންހެން ކުދިންގެ އިތުރުން ރޮކްގެ ޒުވާން ފިރިހެން ކުއްޖަކު ވެސް އެބަހުއްޓެވެ. އެއީ ފުރަތަމަ ކައިވެންޏަށް ލިބުނު 21 އަހަރުގެ ސައިމަން އެލެގްޒެންޑްރާ އެވެ. ރޮކާއި މިހާރުގެ އަންހެނުން ލޯރެން ހާޝިއަންގެ ދަރިންނަކީ ޖޭސްމިން ލިއާ، 6، އާއި ޓިއާނާ ޖިއާ، 4، އެވެ.