އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ފިއުލް ޓީމެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށްފި އެވެ.
މިއީ އެންމެ ބޮޑެތި މަތިންދާބޯޓްތަކަށް ތެޔޮ އެޅުމާ ގުޅޭ ގޮތުން ކުރި ތަޖުރިބާ ދަތުރެކެވެ. މި ދަތުރުގައި ބައިވެރިވި ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަމްރީނާއި އަދި ބޮޑެތި ބޯޓްތަކަށް ފިއުލް އެޅުމާ ގުޅޭ ތަޖުރިބާތަކެއް ވެސް ކުރަން ލިބުނެވެ.
މިފަދަ ފުރުސަތެއް ވެލާނާ އެއާޕޯޓުން ފަހިކޮށް ދީފައިވާތީ ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ވެލާނާ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
ގަން އެއާޕޯޓްގެ ފިއުލް ޓީމްގެ ވެލާނާ ދަތުރުގެ ތެރެއިން ވެލާނާގެ އާ ސީ ޕްލޭން ޓާމިނަލާއި ރިފިއުލިން ފެސިލިޓީ އަށް ވެސް ޒިޔާރަތްކުރި އެވެ.
ގަން އެއާޕޯޓަކީ އަބަދު ވެސް ބޭރުގެ ބޮޑެތި ޕްރައިވެޓް ޖެޓްތައް ޖައްސާ ރާއްޖޭގެ ދެވަނަ އިންޓަނޭޝަނަލް އެއާޕޯޓެވެ. މި އެއާޕޯޓަށް މި ވަގުތު ޝެޑިއުލް ދަތުރުކުރާ ހަމައެކަނި އެކަނި ބޭރުގެ އެއާލައިނަކީ ސްރީ ލަންކަން އެއާލައިިންސެވެ.