Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ބައެއް މެމްބަރުން މަސްތުވާ ކަމަށް ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޖަލްސާތަކަށް ވަޑައިގަންނަވަނީ މަސްތުހެ ހާލަތުގައި ތިއްބަވައިގެން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ތުހުމަތުކުރެއްވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯފާ އިސްވެއްޖެ އެވެ.

މިއަދު ޖަލްސާގައި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ޝަރީފު ވިދާޅުވީ ބައެއް މެންބަރުން މަޖިލީހަށް ވަޑައިގަންނަވަނީ ރާ ހިއްޕަވައި މަސްތުވާތަކެތި ބޭނުންކުރައްވައިގެން މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް ވަންނަ ދޮރުމަތީގައި ބްރެތު އެނަލައިޒާއެއް ބަހައްޓައި މަޖިލީހުގެ މެންބަރުން މަސްތުވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރުކަމާއެކީ ރަނގަޅު ބަހުސްތަކެއް ކުރެވޭ ތަނަކަށް ހަދަންޖެހޭ ކަމަށާއި މެންބަރުންގެ އޮންނަ ޒާތީ ރުޅިވެރިކަމާއި ތައައްސުބުގައި މަޖިލީހަކީ ޒުވާބުކުރާ އަދި ހުޝާމަދުކުރާ ތަނަކަށް ވެގެންނުވާނެ ކަމަށެވެ.

ޝަރީފްގެ ވާހަތަކާ ގުޅިގެން އޭނާ ހުއްޓުވައި ނަޝީދު ވިދާޅުވީ އެންމެ ފުރަތަމަ އިސްލާހުވާން ޖެހެނީ ޝަރީފް ކަމަށެވެ.

"އަޅުގަނޑަށް ފުރަތަމަ ޖެހެނީ އިއްޒަތްތެރި މެމްބަރު މަޑު ޖައްސާލަން ނުވަތަ ވާހަކަފުޅު ރަނގަޅު މަގުގައި ބަހައްޓަން ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ. "އެހެންވީމާ އިއްޒަތްތެރި މެމްބަރު އެ މަގަށް އަމަލުކުރެއްވީމާ އަޅުގަނޑު ހިތުން ކަންކަން ވަރަށް ރަނގަޅު މަގެއްގައި ކުރިއަށް ދާނެ."

ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން ރައްދު ދެއްވައި ޝަރީފް ވިދާޅުވީ މަޖިލީހަކީ ޑްރަގް އައްޑާއަަކަށްވެގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ ގޯތި ތެރޭގައި ފާޅުގައި ޑްރަގް ބޭނުންކޮށް މަސްތުގެ ހާލަތުގައި ތިބެ މަޖިލީހުގެ ޖަލްސާއަށް އައުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ޝަރީގެފް އެ ވާހަކަތަކާ އެކީ ނަޝީދު ވަރަށް ބޮޑަށް ކޯފާވެވަޑައިގަތެވެ.

"އިއްޒަތްތެރި މެންބަރު ތިޔަ ކުރައްވާ ކަމަކީ މި ތަނުގެ އިއްޒަތާއި ކަރާމާތް ނަގައިލުމަށް ސާބިތު ނުހިފޭ ބާވަތުގެ ވާހަކަދައްކަވަމުން ގެންދެވުން،" ނަޝީދު ވިދާޅުވި އެވެ. "މި ތަނުގައި ޑުރަގެއް ނުގެންގުޅޭނެ. މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ. މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް."

އޭގެ ރައްދުގަައި ޝަރީފް ދެން ވިދާޅުވީ އޭނާ ދެއްކި ވާހަކަތަކާ މެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި އަދި އޭނާ ދެއްކި ވާހަކައިގެ ހަގީގަތް އެނގޭނީ ވެސް ބްރެތު އެނަލައިޒާ ބަހަައްޓައިގެން ކަމަށެވެ.