ޔޫއޭއީގެ ފްލައި ދުބާއީގެ ދަތުރުތައް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފެށުމަށް ނިންމައިފި އެވެ.
ފްލައި ދުބާއީ އިން ބުނީ އައްޑޫ އަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ސީދާ ދުބާއީ އިން އައްޑޫ އަށް ހަފުތާގެ ކޮންމެ ދުވަހަކު ފްލައިޓްތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
މިއީ ޔޫއޭއީގެ އެއާލައިނަކުން އައްޑޫ އަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. ފްލައި ދުބާއީ އިން އައްޑު އަށް ކުރާ ދަތުރުތަކުގެ އަގުތަކަށް ބަލާ އިރު އިކޮނޮމީ ކްލާހުގެ ދެކޮޅޫ ޓިކެޓްގެ އަގު ފެށެނީ 550 ޑޮލަރުންނެވެ. ބިޒްނެސް ކްލާހުގެ ދެކޮޅު ޓިކެޓްގެ އަގު ފެށެނީ 1،600 ޑޮލަރުންނެވެ.
ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެ އަށް ފެށީ 2013 ވަނަ އަހަރު އެވެ. އެގޮތުން ފްލައި ދުބާއީ އިން މާލެ އާއި ދުބާއީއާ ދެމެދު ހަފްތިއަކު ހަތަރު ދަތުރު މިހާރުވެސް އަންނަނީ ބާއްވަމުންނެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގަ އެވެ.
ޔޫއޭއީގެ އަގުހެޔޮ އެއާލައިނެއް ކަމަށްވާ ވިޒް އެއާގެ ދަތުރުތައް ވެސް މި މަހުގެ 4 އިން ފެށިގެން އަންނަނީ ރާއްޖެ އަށް ކުރަމުންނެވެ. އެއާލައިނުން ވެލާނާ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއް ވިއްކަނީ 97 ޑޮލަރަށެވެ.
ޔޫއޭއީގެ އެއާލައިންތަކުގެ ތެރެއިން އެމިރޭޓްސް އަކީ ވެސް ރާއްޖެ އަށް އުދުހޭ އެއާލައިނެކެވެ.