Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ބާސާ ޗެމްޕިއަންސް ލީގުން ކެޓުމާ ގާތަށް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އަމިއްލަ ދަނޑުގައި 3-3 އިން އިންޓަ މިލާނާއި އެއްވަރުވެ މުބާރާތުން ކެޓުމުގެ ބިރާ ބާސެލޯނާ އިން ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޭގެ މެޗާއެކު ބާސާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް ސީ ގެ ތިންވަނައިގަ އެވެ. އިންޓަ އޮތީ ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައި ކަމަށްވާއިރު ގްރޫޕްގެ އެއްވަނައިގައި ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކެވެ. ގްރޫޕްގެ ފުލުގައި އޮތް ވިކްޓޯރިއާ ޕްލެޒެން އަށް ހަތަރު މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މި ގްރޫޕުން މުބާރާތުގެ ދެވަނަ ބުރަށް ބަޔާން ރޭ ދަތުރުކޮށްފައިވާއިރު، މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު ބާސާ އަށް މިހާރު ވަނީ ގެއްލިފަ އެވެ. ގްރޫޕް ސްޓޭޖުގައި ބާކީ ދެން ކޮންމެ ޓީމަކަށް ވެސް އޮތީ ދެ މެޗު ކަމަށްވާއިރު، ގްރޫޕްގައި ދެން ކުޅޭ މެޗުން އިންޓަ މޮޅުވެއްޖެނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. އޭރުން ބާސާ ކުޅެން ޖެހޭނީ ޔޫރޮޕާ ލީގު ނުވަތަ ކޮންފަރެންސް ލީގުގަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ބާސާ އިން ކަމަށްވާއިރު، މެޗުގެ 40 ވަނަ މިނެޓްގައި މި ގޯލް ސާޖީ ރޮބާޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޑެމްބެލޭ އެވެ. ބާސާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 50 ވަނަ މިނެޓްގައި ބަރެއްލާ ވަނީ އިންޓަ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 63 ވަނަ މިނެޓްގައި ލައުޓާރޯ މާޓިނޭޒް އިންޓަ އަށް ލީޑު ނަގައިދިންއިރު މެޗުގެ 82 ވަނަ މިނެޓްގައި ބާސާ އަށް ނަތީޖާ އެއްވަރުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ.

ނަމަވެސް އޭގެ ހަތް މިނެޓްފަހުން އިންޓަ އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފަ އެވެ. މާޓިނޭޒް ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެން މި ގޯލް މެޗުގެ 89 ވަނަ މިނެޓްގައި އިންޓަ އަށް ކާމިޔާބުކޮށްދިނީ ގޮސެންސް އެވެ. މި ގޯލާއެކު އިންޓަ މެޗުން މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލެވެންޑޯސްކީ ވަނީ ބާސާ އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ އިންޓަ އަށް ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ހުރަހަކަށްވީ ބާސާގެ ކީޕަރު ސްޓޭގަން އެވެ.