ޗެމްޕިއަަންސް ލީގުގައި ރޭ ރޭންޖާސް އަތުން 7-1 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހު ހަ މިނިޓް ތެރޭގައި ހެޓްރިކެއް ހަދައިފި އެވެ.
މި މޮޅާއެކު މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ލިވަޕޫލަށް މިހާރު ބޭނުން ވަނީ އެންމެ ޕޮއިންޓެވެ. ލިވަޕޫލް މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާ އެކު ގްރޫޕް އޭ ގެ ދެވަނައިގަ އެވެ. އެއްވަނައިގައި ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާ އެކު އަޔެކްސް އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ރޭންޖާސް އެވެ.
ރޭގެ މެޗުގެ 17 ވަނަ މިނެޓްގައި އާފިލްޑް ކާމިޔާބުކުރި ގޯލުން ރޭންޖާސް އިން ލީޑު ނެގިއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 55 ވަނަ މިނެޓްގައި ލިވަޕޫލަށް ލީޑު ނަގައިދިން ގޯލުވެސް ކާމިޔާބުކޮށްދިނީ ފަމީނޯ ކަމަށްވާއިރު މެޗުގެ 66 ވަނަ މިނެޓްގައި ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ނުނޭޒް އެވެ. މި ގޯލަށްފަހު ނުނޭޒްގެ ބަދަލުގައި ސަލާހު ވަނީ ދެވަނަ ހާފްގައި ކުޅެން އަރާފަ އެވެ.
އެގޮތުން ލިވަޕޫލްގެ ހަތަރުވަނަ ގޯލާއި، ފަސްވަނަ ގޯލު އަދި ހަވަނަ ގޯލުވެސް ކާމިޔާބުކޮށްދީ ސަލާހު ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފަ އެވެ. ސަލާހު މި ހެޓްރިކް ހެދީ ހަ މިނެޓް 12 ސިކުންތުގެ ތެރޭގަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ކުޅެންތެރިއަކު ހެދި އެންމެ އަވަސް ހެޓްރިކެވެ. ލިވަޕޫލްގެ ހަތްވަނަ ގޯލު ކާމިޔާބުކޮށްދިނީ ހާވީ އެލިއޮޓް އެވެ.
މި ގްރޫޕްގައި ރޭ ނަޕޯލީން ވަނީ 2-4 އިން އަޔެކްސް ބަލިކުރުމަށްފަހު މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ.