ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ޑައިވްކުރަން ދަސްކޮށްދޭން ޑައިވިން އިންސްޓްރަކްޓަރުން ތަމްރީނުކުރަން ފަށައިފި އެވެ.
އިއްޔެ ހަވީރު އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓުގައި އިފުތިތާހުކުރި މި ޕްރޮގްރާމަކީ އެޓޯލްސް ވޯލްޑުން އިންތިޒާމުކޮށްގެން އަދާރަން ރިސޯޓާއި ޑައިވިން ތަޖުރިބާކާރު އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ޕޮސެއިޑެން ހެންޑިކެޕް ސްކޫބާ އެޑްވެންޗާސް (ޕީއެޗްއެސްޕީ) އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަށް އިންސްޓްރަކްޓަރުން ތަމްރީނުކޮށްދޭނީ ޑައިވާސް ޕޮއިންޓުންނެވެ. އެގޮތުން މިއަދު ހަތް މީހުންނާ އެކީ ފަސް ދުވަހުގެ ޕްރޮގްރާމް ފަށާނެ އެވެ.
އިއްޔެގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި ތަމްރީން ޕްރޮގްރާމާއެކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރާއްޖޭގެ ރީތިކަން ދައްކައިލުމުގައި އެހީވާނެ ޑައިވް އިންސްޓްރަކްޓަރުން އުފެދިގެން ދާނެ ކަމަށެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ޑައިވްކުރަން ދަސްކޮށްދޭން އިންސްޓްރަކްޓަރުން ތަމްރީނުކުރަން އަލުން ޕްރޮގްރާމއް ފެށީ އިރު، މިހާރު ވެސް ރާއްޖޭގެ ހަ ޑައިވް އިންސްޓްރަކްޓަރުން ވަނީ ޕީއެޗްއެސްޕީއާއެކީ އެ ތަމްރީނު ފުރިހަމަކޮށްފައި ކަމަށް އެޓޯލްސް ވޯލްޑުން ބުންޏެވެ.
އެތަނުން ބުނި ގޮތުގައި ކުރިއަށް އޮތްތާނގައި ޑައިވިން ޕްރޮގްރާމް ރާއްޖޭގެ އެހެން ރިސޯޓުތަކަށާއި އަތޮޅުތަކަށް ވެސް ފުޅާކުރާނެ ކަމަށެވެ.