މިސްރުގައި އިއްޔެ ފެށި އިންޓަނޭޝަނަލް ޝޫޓިން ސްޕޯޓް ފެޑެރޭޝަން (އައިއެސްއެސްއެފް) ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެމްއެންޑީއެފްގެ ޝޫޓިން ޓީމް ފުރައިފި އެވެ.
މި މުބާރާތް މިސްރުގެ ގާހިރާގައި ކުރިއަށް ދާނީ މި މަހުގެ 25 ހަމައަށެވެ.
މުބާރާތުގައި ރާއްޖޭން ތިން ޝޫޓަރުން ވާދަކުރެ އެވެ. އެ ތިން ޝޫޓަރުންނަކީ ހަސަން އަބްދުލް ގަފޫރުގެ ކޯޗުކަމުގެ ދަށުން އަންހެން ޑިވިޝަނުގައި ވާދަކުރާ ޝަރަފިއްޔާ އަބްދުލް ރަހުމާން އާއި އާސިފާ ޖައުފަރުގެ އިތުރުން މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރާ ޒިޔާން ޒިޔާއު އެވެ. އޭނަ އަކީ މިދިޔަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން 2024 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް އަމާޒުކޮށް ޓްރެއިނިން ސްކޮލާޝިޕެއް ހަމަޖައްސައިދީފައިވާ ހުނަރުވެރި ޝޫޓަރެވެ.
ޒިޔާއު އަކީ މީގެ ކުރިން ވެސް ބޭރުގެ އެކި މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފައިވާ ޝޫޓަރެކެވެ.
މިސްރު މުބާރާތުގައި ވާދަކުރާ އަންހެން ދެ ޝޫޓަރުން ވެސް ވާދަކުރާނީ 10 މީޓަރު އެއާ ރައިފަލް އިވެންޓްގަ އެވެ. ޒިޔާއު ވާދަކުރާނީ 10 މީޓަރު އެއާ ޕިސްޓޯލް ކެޓަގަރީގަ އެވެ.