Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ފޭދޫ ހިއްކި ބިމުން 20 ބިން ވިއްކާނެ

އައްޑޫ ފޭދޫ ހިއްކި ބިމުން 20 ބިމެއް ވިއްކަން ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ފޭދޫގެ ލޭންޑް ޔޫޒް ޕްލޭން ނިމުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެ އަވަށު މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވީ ހިއްކި ބިމުން 1،500 އަކަފޫޓްގެ 20 ބިމެއް ވިއްކަން އެލޮކޭޓްކޮށްފައިވާ ކަމަށެވެ.

ފޭދޫ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލި އިރު، ފޭދޫ ވަށައިގެން ހިއްކާފައި އޮތް 50 ހެކްޓަރުގެ ބިމުގައި ކުރާނެ ކަންކަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ގޯތީ ދިނުމާއި ވިޔަފާރީގެ ބޭނުންތަކަށް ބިން ދިނުމާއި ޕާކްތަކެއް ހެދުމާއި އާ ސްކޫލަކަށް ބިން ހަމަޖެއްސުމާއި 75 ހައުސިން ޔުނިޓް އަޅަން ބިން ހަމަޖެއްސުމާއި މިސްކިތެއް އެޅުމާއި ކުޅިވަރުތަކަށް ބިންތައް ހާއްސަކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ފޭދޫން ބިން ދޫނުކުރާތާ 20 ވަރަކަށް އަހަރު ފަހުން ގޯތި ދޫކުރަން ނިންމާފައި އިރު، ފުރަތަމަ ފިޔަވަހީގައި 298 ގޯތި ދޫކުރަން ހަމަޖެހިފައިވެ އެވެ. އަދި އެ ބިންތަކަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ވިޔަފާރި އަށް ދޫކުރާ ބިންތަކަށް ވެސް ވަރަށް އަވަހަށް ހުޅުވައިލާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ފޭދޫ ވަށައިގެން ހިއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.