ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު އަތޮޅުގައި ބޭނުންކުރާ މީހުންނަށް ހޮނިހިރު ދުވަހުން ފެށިގެން ކަރުދާސް ޓިކެޓް ވިއްކުމަށް އެމްޓީސީސީން ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ މިގޮތަށް ހަމަޖެއްސި ނަމަވެސް، އާރްޓީއެލް ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ކިޔުއާރް ޓިކެޓް ނަގައިގެން ދަތުރުކުރެވޭނެ ކަމަށެވެ. އަދި ކަރުދާސް ޓިކެޓް ތައާރަފުކުރެވުމާއެކު، ބަހުން ކަރުދާސް ޓިކެޓް ގަނެގެން ދަތުރު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ބަހުގެ ޚިދުމަތް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީން ބުނީ ޓަރމިނަލްތަކުން ކަރުދާސް ޓިކެޓް ނުލިބޭނެ ކަމަށެވެ. އަދި ކަރުދާސް ޓިކެޓް ލިބޭނީ ބަހުން އެކަނި ކަމަށެވެ. ބަސް ޓިކެޓުގެ ފައިސާ ލާނެ ޚާއްސަ ފޮއްޓެއް ބަހުގައި ބެހެއްޓިފައި ހުންނާނެ ކަމަށާއި ބަހުގައި ފައިސާ މާރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިނުވާތީ ހުރިހާ އެންމެން ވެސް ސީދާ ޓިކެޓަށް ހަމަވާވަރަށް ފައިސާ ގެނައުމަށް އެމްޓީސީސީން ވަނީ އެދިފަ އެވެ.
ބަހުގައި ފައިސާ މާރުކުރެވެން ހަމަޖެހިފައިނުވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި ބަހުގެ ޝެޑިއުލަށް ބުރޫއެރިޔަ ނުދިނުމަށް ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި ކަރުދާސް ޓިކެޓް ތައާރަފުކޮށްފައިވަނީ އިސް ރަށްވެހިންގެ ފަސޭހައަކަށް ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.