Last Updated: May 16, 06:08
Thursday, May 16, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: ތުއްތުބެ

ކުރީގެ ހަނދާންތަކެއް ތުއްތުބޭ ދަައްކާލަނީ.

މިއީ ސ. ފޭދޫ މަންޝަން އަބްދުﷲ ރާޒީގެ ވާހަކަ އެވެ. އާންމުކޮށް ކިޔާ ގޮތުން ނަމަ ތުއްތުބޭބެ އެވެ. ރިސޯޓް ނަމުން ނަމަ ޓީޔޫ އެވެ. އުމުރުން ދުވަސް ވިޔަސް އަދިވެސް ވަރަށް ހަރަކާތްތެރިކޮށް އުޅޭ ފަސް ކުދިންގެ ބައްޕަ ތުއްތުބެ އަކީ ވަރަށް ޒަމާން ވަންދެން ރިސޯޓް ވަޒީފާގައި އުޅުނު އައްޑޫގެ ފަހަރުވެރި ދަރިއެކެވެ.

ތުއްތުބޭބެ އަށް އާރްއޭއެފް ގަމުން ވަޒީފާ ހަމަޖެހުނީ 1962 ގެ ކުރީކޮޅެވެ. ދުވަހުގެ ފަތިހު ފްލައިޓުން އަންނަ ޕައިލެޓުންގެ ފޮށި ބާލައިގެން ޓްރާންސިޓް މެސްގެ ހޯލަށް ގެންދިއުމުން އެ ފޮށިތައް ކޮޓަރި އަށް ގެންދެވެންދެން ބެލެހެއްޓުން، އެ ވަޒީފާ ހަމަޖައްސައި ދިނީ އޭރުގެ ސުވާދީބު ސަރުކާރުގެ ރައީސް ހިތަދޫ ފިނިފެންމާގޭ އަލްމަރުޙޫމް ޢަބްދުﷲ ޢަފީފުދީދީ އެވެ. އޭގެ ފަހުން މާޗް 3، 1964 ގައި ވަޒީފާ ބަދަލުވީ ސިންގަޕޯ އެއާލައިންސް ގަމުގެ އެއާޕޯޓަށް ޖެއްސުމުން އެއިން އަންނަ ދުވަހު ނޫސް "ހަފުތާ ނޫސް" އަދި މަސްމަހުން ނިކުންނަ މެގަޒިންތައް ބައިބައިއަޅައި އިންވޮއިސް އަދަދު ދިމާވޭތޯ ބަލައި ގެންދަން ޖެހޭ ސެކްޝަނަށް ގެންދިއުމަށް ޙަވާލުކުރުމުގެ ވަޒީފާ އެވެ.

އޭރު ވެސް ހިތަދޫ އިން އިނގިރޭސި ކޮންމެވެސް ވަރަކަށް އުނދަގުލުން އަކުރު ހަމަކޮށް އެގޮތް މިގޮތަށް ކިޔައި މާނަ އެނގުމާއި ނޭނގުމުގެތެރޭ އެންމެ ރަނގަޅު ކުދީންގެ ތެރޭގައި ހިމެނިގެން ދިޔަ އެކަކީ ތިމަންނާ ކަމަށް ތުއްތުބޭބެ ބުނެ އެވެ.

އޭރުގެ މެގަޒިންތަކުގެ ނަން ވެސް ވަރަށް ދޫފަރިތަކޮށް ކިޔާލި އެވެ. ޑެއިލީ މިރާ، ޓައިމް މެގަޒިން، ޑެއިލީ އެކްސްޕްރެސް އަދި ވައިއަޑަކުން ޕްލޭބޯއީ މެގަޒިން ވެސް އަންނަ ވާހަކަ ބުނެލި އެވެ.

ގާތްގަނޑަކަށް 20-25 ޕީސް ވަރު ވައްތަރަކުން ލިބުމުން ސެކްޝަންތަކަށް ފޮނުވާލަނީ އެވެ. 1965 ވަނަ އަހަރު ނާފި ޝޮޕް (ނޭވީ އާމީ އެންޑް އެއާފޯސް އިންސްޓިޓިއުޝަން) ކައުންޓަރުގެ މެޝިނުން ފައިސާކަނޑައި ވަޒީފާ، އިނގިރޭސީންނަށް ވިޔަފާރި ކުރުމުގެ ސޭޓުކަން ލިބުނެވެ.

އޭރު ތުއްތުބޭގެ އުމުރުން ވާނ 17-18 ވަރަކަށް އަހަރެވެ. ޑިއުޓީ ގަޑިއަކީ ހެނދުނު 8:00 އިން 12:00 އެވެ. އަދި މެންދުރު ފަހު 1:30 އިން ހަވީރު 4:00 އަށެވެ. ވަޒީފާ ނިމިގެން އާއިލާ ކައިރިއަށް ގެއަށް ދިއުމުގެ ހިތްހަމަޖެހުން ލިބެ އެވެ.

އާންމުކޮށް ނާފިގައި ވިއްކަން ހުންނަނީ މޭޑް އިން އިންގްލޭންޑް އަދި ޔޫރަޕްގެ ސާމާނެވެ. ކޮލިޓީ ކުޅިވަރުގެ ސާމާނު ވަރަށް ގިނަ އެވެ. ޓެނިސް ރެކެޓް، ނެޓް، ބޯޅަ، ޓޭބަލް ޓެނިސް ގެ ހުރިހާ ސާމާނު، ގޮލްފް ސާމާނު، ބޫޓު، ޓްރެކްސޫޓް، ސޯޓު، ގަމީސް، ފަޓްލޫނު މިކަހަލަ ރީތި މޮޅު އަގުބޮޑު ސާމާނު ވަރަށް ގިނަ އެވެ. އަންހެނުންގެ ނިދާ ހެދުން އަދި އެތެރޭންލާ ސާމާނު، ހެދުން، ސެންޓު، ރީތިވާ ސާމާނު ހިމެނެ އެވެ.

ދެން ބުނީ "ލޮޓްސް ލޮޓްސް އޮފް ކޮލިޓީ ޕްރޮޑަކްޓްސް، އައި ޑޯންޓް ރިމެމްބަ އޯލް، އެނީވޭ" އޭ ކިޔާފައި ވަރަށް ހަނދާން ހުންނަ ދުވަހެއް ބުނަންހޭ ކިޔާފައި ކިޔައިދޭން ފެއްޓީ އެއް ދުވަހު ނާފި އާއި ޖިމްނޭޒިއަމް އާ ދޭތެރޭން ބޮޑު ވަރުގަދަ އޭރު ވެސް ބޮލުގައި އިސްތަށި މަދުކޮށް ހުރި މީހަކު ކުޑަކޮށް މަގު އޮޅިގެންހެން ހީވެގެން" ގުޑްމޯނިން ސާ" އޭ ގޮވާލައިފީމެވެ.
އެނބުރި ބަލާލައި ހިނިގަނޑެއް ޖަހާފަ ބުނީ މީ ދިވެއްސެކެވެ. ނާފި އަށް ދެވޭނެތޯ، އެތަނުން އެއްޗެއް ގަނެވިދާނެތޯ އެހުމުން އަޅުގަނޑު ގޮސް އިނގިރޭސި އޮފިސަރު ކައިރި ބުނުމުން އޭނަ ވަރަށް ލުއިކޮށް ބުނީ ތުއްތު ރައްޓެއްސަކަށް ނާފި އަށް، ދިއުމުގެ ހުއްދައާ އެތަނުން ވިޔަފާރިކުރުން އޯކޭ ކަމަށެވެ.

ދެން ނާފި އަށް ގެނައިމަ އެތަނުން ވަރަށް ރީތި ގަމީހެއް އެބޭފުޅާ ގަނެފި އެވެ. އަގަކީ 1 ޕައުންޑް 25 ޕެނީ އެވެ. ވިޔަފާރިކުރި މީހާގެ ނަން ބުނީ އޭގެ ފަހުންނެވެ. ނަމަކީ ވަޙީދުއްދީން ކަމުގައި ބުންޏެވެ. އެއީ މިއަދުގެ ބަނޑޮސް އައިލޭންޑް ރިސޯޓްގެ އޯނަރު އަދި ކުރިން އެޓޮލްސް މިނިސްޓަރުކަމާއި ނައިބުރައީސްކަން ވެސް ކުރައްވާފައިވާ އޮނަރަބްލް ވަޙީދުއްދީނެވެ. އެ ދުވަސްވަރު އެބޭފުޅާ އަކީ ހިތަދޫގައި އިނގިރޭސި ކިޔަވައިދޭ ޓީޗަރެކެވެ.

އޭގެ ފަހުން ދެ ދިމާލެއްގައި ވަޒީފާ އަދާކުރުމަށްފަހު ނުވަ ވަރަކަށް މަހު ޖޮބްލެސްކޮށް ހުއްޓައި ސިއްކަ ޢަބްދުﷲ ރަޝީދާ ދިމާވެގެން ބަނޑޮހަށް ވަޒީފާއަށް ދާންވީ ނޫންހޭ ބުނެ 1984 ގައި ބަނޑޮހާ ގުޅުމަށް މާލެ އޮފީހަށް ގޮސް ޖަލީލުގެ އެހީތެރިކަމާ އެކު އިންޓަވިއުއަށް ވެއްދި އިރު އިންޓަވިއު ކުރަން އިންނެވީ އެއްކަލަ ނާފި ގަމީސް ގަތް ވަޙީދުއްދީނެވެ. ފެނުމާއެކީ ވަރަށް ހިތްހެޔޮކަމާއެކީ ބުނީ ތިހިރީ އިންޓަވިއުވެފައޭ އަވަހަށް މަސައްކަތު ނުކުންނާށޭ އެވެ.

ކޮންމެއަކަސް 350ރ. ގެ މުސާރައަކަށް ވަޒީފާ ލިބުނީ އެވެ. ދެތިން މަހުން ރިސެޕްޝަންގެ ވަޒީފާ އަށް ބަދަލުވެ ސޭފް ޑިޕޮސިޓް ގެސްޓުންގެ ލާރި ސިޓީއުރައަށް އަޅާފައި ސޮއިކުރުވާފައި ރައްކާކުރުމެވެ. ތަޅުދަނޑި ބެލެހެއްޓުން އެއީ ބޮޑު ޒިންމާއެކެވެ. ޖުމްލަ 11 އަހަރު މުޅިއަކުން ހަމައެއް ނުވެ ބަނޑޮސް ނިންމާލި އިރު ގެސްޓް ރިލޭޝަންގެ ވަޒީފާ އަދި އެކްސްކާޝަންތަކަށް ގެސްޓުން ގޮވައިގެން ދިއުން އަދި ނިއު އިޔާތެރޭ އޯވަބުކްވުމުން ސަފާރީ އަށް މީހުން ލައިގެން އޭރު އޮންނާނެ ފުޑް ސިޓީ ޙަބީބްގެ ވަރަށް ނަލަ އޮޑިއެއް، ހަނދާން ވަނީ "އާކް މޯލްޑިވްސް"، ވަރަށް ޒިންމާދާރުކޮށް ތެދުވެރިކޮށް މަސައްކަތްކޮށްދިނުމުގެ އުފާ ލިބުނެވެ. އަދި ފަހު ދެތިން އަހަރު، މިސްކިތް ބެލެހެއްޓުމާއި ޓަކް ޝޮޕް ބެލެހެއްޓުމުގައިވެސް އުޅެދިނީމެވެ. އޭރުގެ މުސާރައަކީ، 1،200ރ. އެވެ.

ތުއްތުބޭ ޓުއަރިޒަމް ނިންމާލީ އެ ހިސާބުންނެވެ.

ތުއްތުބޭބެ މިހާރު ވެސް ދަނޑަށް ކަސްރަތަށް ދާތަން ފެންނަ ވާހަކަ އަހާލުމުން ބުނީ، އެކަންވީ ގޮތަކީ، ފުރަތަމަ އިނގިރޭސީން ގަމަށް އަންނަންވެގެން ފުރަތަމަ އައި މީހުންތެރޭ އޭރު ކޮންމެ ދުވަހަކު ދުވާ އިނގިރޭސިއެއް އުޅޭތީ އޭނާ އަށް ރަށު މީހުން ކިޔަން ފެށީ "ދުވާ ދޮންބެއްޔާ" އެވެ.

"އޭރު ވަރަށް ކުޑަ އަޅުގަނޑު. އެކަމަކު ވެސް ހިތަށް އެރީ މި މީހުން މިކަން މި ކުރަނީ ކޮންމެވެސް ރަނގަޅު ކަމެއް އޮވެގެންނޭ. އެއީ އެކަން ފެށުނު ގޮތް، އަދި މިހާރު ވެސް އެ އާދަ އެގޮތަށް ކުރިއަށް ގެންދަން." ތުއްތުބޭ ބުންޏެވެ.

އަދި ކަސްރަތާ ގުޅުވައިގެން ބުނީ ތިމަންނަ ރެފްރީކަންކޮށް އުޅުނު ކަމަށާއި އަދި ބަނޑޮހުގައި އޮތް ފުޓްބޯޅަ މެޗެއް އެއީ އިނގިރޭސީންނާ ބަނޑޮހުގެ މުވައްޒަފުންގެ ޓީމެއް، މެޗް ފެށިގެން އެހާ ރަނގަޅަށް ނުކުޅެވި ދިވެހި ބަނޑޮސް މުވައްޒަފުންގެ ޓީމް އެ މީހުންގެ ފައިގައި އަދި ކަށިމަތީގައި މާ ގިނައިން ތަޅާތީ އެކީ އެކައްޗަކަށް ދިގުކޮށް ކަށިގަނޑު ފުމެ މެޗް ނިންމާލީ ކަމަށާއި އަދި އެކަމާ އެއްވެސް މައްސަލައެއް ނެތި ހަމަޖެހުމާ އެކީ ނިމިގެން ދިޔަ ކަމަށެވެ.

ކޮންމެއަކަސް ތުއްތުބޭބެގެ އަންހެނުން ޒުބައިދާ ވެސް ނިންމާލަމުން ބަހެއް އިތުރުކޮށްލި އެވެ. އާއިލާއާ ދުރުގައި ދަރިންނަށް ކިޔަވައި ދޭން އުޅުން ވަރަށް ހިތަށް އުނދަގޫ އެޒަމާން ނިމި މިއަދު ވެސް ހަމަ ރަށުން ވަޒީފާއާ ޞިއްޙަތަށް ވަރަށް ދެރަވަރުކޮށް ހުންނަ މައްސަލަ އަދި އައްޑޫ މީހުން މި ރިސޯޓްތައް ނަގައި ކޮޅަށްޖަހައި ރަށާ މުސްކުޅި މައިންބަފައިންނާއި ގެދޮރު ދޫކޮށް ދިޔަ މީހުން ރަށަށް އެނބުރި އައިއިރު ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބުނު ހިތްދަތި ހަގީގަތެވެ. ފަސް ދަރީންނާ ހަތް ކާފަދަރީން ތިބިކަމަށް ދެމަފިރިން ހިނިތުންވުމާއެކު ބުނެލި އެވެ.

މިއަދު ވެސް ރަށުން ފެންނަން ހުރީ ދެވަނަ ބޮޑުހަނގުރާމައިގެ ޒަމާނު ރާނާފައިހުރި މަގުފާރުތަކެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތްތާ އެވެ. ޓުއަރިޒަމަށް މި އަހަރު 50 އަހަރުވީ އިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރި ހެނެއް ހިއެއްނުވެ އެވެ. މި އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: އައިސީގެ މިފަދަ ލިޔުންތައް މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް "އައްޑޫ ލައިވް" ގައި ގެނެސްދެވޭނެ އެވެ. އައިސީ އަކީ ލިޔުންތެރި ކަމަށް ވަރަށް ލޯބިކުރާ އަދި ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރިއާ ބެހޭ ގޮތުން މައުލޫމާތާއި ހޭލުންތެރިކަން އުފައްދުމުގައި ވަރަށް އިސް ރޯލެއް އަދާކުރަމުން އަންނަ މީހެކެވެ.