Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ޗައިނާ އަކީ ރާއްޖެ އަށް މުހިއްމު ބައިވެރިއެއް

ޗައިނާއާ ރާއްޖެއާ ދެމެދު އޮތީ ވަރަށް ބަދަލި ގުޅުމެއް ކަމަށާއި މި ގުޅުމުގެ ތެރެއިން އެ ގައުމަކީ ރާއްޖޭގެ ތަރައްގީގައި އިގުތިސާދީ އަދި އިޖުމާއީ ބައިވެރިއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ކުރިތާ މިއަދަށް ބައި ގަރުނުވުމާ ގުޅިގެން ރައީސް ނެރުއްވި ހިތާބެއްގައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރެމިއަ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާން އަށް ތަޙުނިޔާ ވެސް ފޮނުއްވައިފި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ މެދުގައި އޮތް އެކުވެރި ގާތް ގުޅުމުގެ ދިގު ތާރީހުގެ ތެރޭގައި ފާއިތުވި ވިހި އަހަރުގެ ތެރޭ ރާއްޖޭގެ އިޖުތިމާޢީ، ޘަޤާފީ އަދި އިގުތިސާދީ ތަރައްގީގައި ޗައިނާއިން ވަރަށް ބޮޑު ހިއްސާއެއް ވެދީފައިވާ ކަމަަށެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. މީގެ އިތުރުން މިއެއްބަސްވުންތަކުގެ ސަބަބުން ޗައިނާ އާއި ރާއްޖޭގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެން ދާނޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން ބިނާވެފައި ވަނީ، ތާރީޚީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެ ޤައުމުގެ މެދުގައި އޮތް އިޙްތިރާމުގެ ބިންގަލުގެ މައްޗަށް،" ރައީސް ވިދާޅުވި އެވެ. "ރާއްޖެ އާއި ޗައިނާގެ މި ގުޅުން ކުރިއަރައި ދެމިގެން ދާނޭ ކަމަށްވެސް ޔަޤީން ކުރަަން."

ރައީސް ޗައިނާގެ ޕްރެމިއަ އޮފް ދަ ސްޓޭޓް ކައުންސިލް އަށް ވަކިން ފޮނުއްވެވި މެސެޖުގައި، ރާއްޖެ އާއި ޗައިނާގެ ތާރީޚީ ގުޅުމާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމުގެ އިސްތިޤުލާލަށް ކުރާ އިޙްތިރާމަކީ، ދެ ގައުމުގެ ގުޅުމުގެ ހަރުދަނާ ބިންގާކަމަށާއި، ފާއިތުވި 50 އަހަރު ވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން ދެމިގެން އައީ އެ ބިންގަލުގެ މަތީގައި ކަމަށެވެ. އަދި އިޖުތިމާއީ ތަރައްގީ އާއި އިގުތިސާދީ ތަރައްގޫގެ އާ އުސްމިންތަކަށް ރާއްޖެ ވާޞިލްވުމުގައި، ޗައިނާ އިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީއާ އެކީ، އ ގައުމަކީ ރާއްޖެ އަށް ވަރަށް މުހިއްމު ބައިވެރިއެއްކަން ފާހަގަކުރެއްވި އެވެ.