Last Updated: July 23, 10:58
Thursday, July 23, 2026
ދުނިޔެ

ޔޫކޭގެ ފިނޭންސް މިނިސްޓަރު ވަކިކޮށްފި

އިނގިރޭސިވިލާތުގެ ފިނޭންސް މިނިސްޓަރުގެ މަގާމުން ކްވާސީ ކްވާޓެންގް މިއަދު ވަކިކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް މި ނިންމުން ނިންމާފައިވަނީ އާ ސަރުކާރުގެ އިގްތިސާދީ އެޖެންޑާ އަށް އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ފިނޭންސް މިނިސްޓަރާއި ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދޭން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމާ ކްވާސީ ކްވާޓެންގް ހަވާލުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ. އޭނާ އަކީ އެ ގައުމުގެ ފިނޭންސް މިނިސްޓަރުގެ މަގާމު ދެވަނަ އަށް އެންމެ ކުރު މުއްދަތަކަށް އަދާކުރެއްވި ފަރާތެވެ.

އިނގިރޭސި އާ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ އިގްތިސާދީ އެޖެންޑާގެ ދަށުން އެ ގައުމުގެ ބައެއް ޓެކްސްތައް ބޮޑުތަނުން ކުޑަ ކުރުމަށް ނިންމި ނިންމުމާއެކު ސްޓާލިން ޕައުންޑްގެ އަގު ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުދާ ވަރަށް ދަށަށް ގޮސްފަ އެވެ. އެއާއެކު އިނގިރޭސި ސަރުކާރުން ވަނީ 45 ޕަސެންޓް އިންކަމް ޓެކްސް ކަނޑާލަން އޭރު ނިންމި ނިންމުން އަނބުރާ ގެންގޮސްފަ އެވެ.

މީގެއިތުރުން މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަަޒީރު ޓްރަސް، އިތުރު ބައެއް ޓެކްސްތައް ކުޑަ ކުރުމަށް ނިންމި ނިންމުން ވެސް އަނބުރާ ގެންދަވާނެކަން އިއުލާން ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިނގިރޭސި ބޮޑުވަޒީރުކަމާ ޓްރަސް ހަވާލުވިތާ 39 ދުވަސްވީއިރު އެކަމަނާގެ އަމިއްލަ ޕާޓީ ކަމަށްވާ ކޮންޒަވޭޓިވް ޕާޓީގެ ބައެއް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އިތުބާރު މިހާރުވެސް ޓްރަސް އަށް ގެއްލިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.