Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހިޔާ ފްލެޓްތައް ރާއްޖެއަކާ ނުގުޅޭ: ވޯލްޑް ބޭންކް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަކީ ރާއްޖެއާ ނުގުޅޭ ގޮތަކަށް ހިންގާފައިވާ މަޝްރޫއެއް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބެންކުން މިކަން ހާމަކޮށްފައިވަނީ ދާދިފަހުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ހިޔާ ފްލެޓް މަޝްރޫއުގެ ޑިޒައިން އާއި ހިންގަން ރާވާފައިވާ ގޮތްތަކަކީ ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަ ވައްޓަފާޅިއާ ނުގުޅޭ ގޮތްތަކެއް ކަމަށެވެ. އެގޮތުން ހިޔާ ކޮންމެ ޓަވަރެއްގައި 400 ފުލެޓު ހުންނައިރު އެތަނުގައި އެކަށީގެންވާ ވަރަށް ލިފްޓާއި ކޮރިޑޯތަކުގައި ޖާގަ ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.

އެފަދަ މައްސަލަތައް ހައްލު ކުރަން އެޗްޑީސީން އިތުރު ހަރަދު ކުރަން ޖެހިފައިވުމަކީ އެކުންފުންޏަށް އިތުރު މާލީ ބުރައަކަށް ވާނެ ކަމެއް ކަމަށާއި ފުލެޓުތައް ނުނިންމާ ދޭން ޖެހުމުގެ ސަބަބުން އެކަމުގެ މާލީ ބުރަ އެތަނުގައި ދިރިއުޅޭ މީހުން ވެސް އުފުލަންޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ހިޔާ ފުލެޓުތައް ހުންނަ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ފަދަ ކަންކަން ގާއިމުކުރަން ދުރާލާ ނުވިސްނާ އޮތުމަކީ ވެސް ހަދާފައިވާ ގޯހެއްކަން ވަނީ ފާހަގަކޮށްފަ އެވެ.

ރިޕޯޓްގައިވާ ގޮތުން ހިޔާގެ 6338 ފްލެޓެއްގެ ތެރެއިން 2345 ފްލެޓް ނުވަތަ 37 އިންސައްތަ ފްލެޓުން ކުލި ނުދައްކަ އެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދޫކޮށްފައިވާ 800 ފްލެޓަށްވެސް ފައިސާ ނުދައްކާކަމަށް ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ވަނީ ފްލެޓްތަކުން ކުލި ނުލިބޭއިރު އެޗްޑީސީން ފްލެޓް އެޅުމަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތަށް ދަނީ އަސަރުކުރަމުންނެވެ. އަދި ހިޔާ މަޝްރޫއަަކީ އަގުބޮޑު އަދި އެ މަޝްރޫއަށް ނެގި ދަރަނީގެ ތަކުލީފު ވެސް ބޮޑު މަޝްރޫއެއް ކަމަށްވެސް ބުނެފައިވެ އެވެ. އެ މަޝްރޫޢަށް ޖުމްލަ 10.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާނެ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.